މި އަހަރު މިހާތަނަށް އެކި ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކި ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް މިއަދު ފެށި ވޯކްޝޮޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ، ސްކޭމްތަކުގެ މައްސަލައަކީ ރާއްޖޭގެ އިތުރުން މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

ޖިނާއީ އަދުލާ ގުޅޭ މުއައްސަސާތަކާއި ބައެއް ކުންފުނިތަކާ ވެސް އެކު ބާއްވާ އެ ވޯކްޝޮޕް ފައްޓަވަމުން ހަމީދު ވިދާޅުވީ ކޮވިޑް-19އާ ހެދި ލޮކްޑައުން ކުރި ދުވަސްވަރުން ފެށިގެން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސްކޭމްގެ އެކި ކުށްކުރުން އިތުރުވަމުން ގޮސްފައިވާ ކަމަށެވެ.

"މުޅި ދުނިިޔެ އަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ދިވެހިރާއްޖެ އަށް ވެސް ފުރަބަންދުވި ވަގުތާ ދިމާކޮށް މިފަދަ މައްސަލަތައް ހިނގުން މުޅި ދުނިޔެއެކޭ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް އިތުރުވެގެން ގޮސްފައިވޭ،" ހަމީދު ވިދާޅުވި އެވެ.

އެކި ސްކޭމް މައްސަލަތައް އިތުރުވާތީ މަޝްވަރާ ކުރުމަށް މިއަދު ފެށި ވޯކްޝޮޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އާއި ފުލުހުންގެ އިސްވެރިން. ފޮޓޯ: ޕޮލިސް

ހަމީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް ސްކޭމިންގެ 998 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސްކޭމްތަކުން 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ވެފައިވެ އެވެ.

"މިހާރު 590 ސިމް ޑިސްކަނެކްޓު ކުރެވި، 532 މޯބައިލް އައިޑެންޓިފިކޭޝަން ނަމްބަރު ބްލެކްލިސްޓުކޮށް، 10 އައިޕީ އާއި 14 ވެބްސައިޓު ބްލޮކްކޮށްފައިވާކަން އަޅުގަނޑުމެންގެ ތަފާސްހިސާބުތަކުން އެބަ ދައްކާ،" މިއަހަރު އެކަނި މިކަމާ ދެކޮޅަށް ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ހިއްސާކުރައްވާ ކޮމިޝަނަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރ އިމްރާންގެ ވާހަކައިން ވެސް އަދި ސީޕީ ހަމީދުގެ ވާހަކައިން ވެސް މި ހުރިހާ ކަމެއްގެ މައި އެއް މައިޒާނުގެ ގޮތުގައި ފާހަގަކުރެއްވީ ޖަލުތަކެވެ. ޖަލުތަކުގައި މީހުންނަށް ވަގުތު ގިނަވެ، މި ހުރިހާ އަޑުތަކެއް އިއްވުމާއި، މޮޅު ވާހަކައެއް ދައްކާލާނެ ހުނަރު އެތާ ތިބެ އުފެދޭ ކަމެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހަޅާފައިވާއިރު، އެއީ އެވްރެޖުކޮށް ދުވާލަކު ތިން މައްސަލަ އެވެ. އަދި މި އަހަރުގެ ފާއިތުވި 11 މަހަށް ބަލާ ނަމަ އެވްރެޖުކޮށް މަހަކަށް 90 މައްސަލަ އެވެ.

ރާއްޖޭގައި މިކަން ފެތުރިފައިވާ މިންވަރާއި އާންމުންނާ ހަމައަށް މިކަން އައިސްފައިވާވަރު، މިކަމާ ދެކޮޅަށް ފެށި މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސްގެ ކޮންފަރެންސްގެ ތެރެއިން ހާމަވި އެވެ. އެ ކޮންފަރެންސްގެ ކޮންމެ ބައިވެރިއަކީ ވެސް ކޮންމެ ވެސް އެއް ލެވެލްއެއްގައި މިފަދަ ކަމެއް ތަޖުރިބާކޮށްފައިވާ މީހެކެވެ.

ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް މިކަން ތަޖުރިބާކުރިކަން އެނގިފައިވުން، ނުވަތަ އަމިއްލަ ފޯނަށް ވެސް މިކަހަލަ ދެތިން މީހެއްގެ ކޯލެއް ނާންނަ މީހަކު ނެތެވެ. އެންމެން ވެސް ފާހަގަކުރީ އެމީހުންގެ ކުޅަދާނަކަމާއި، އެކަމަށް ހުސްވެ ތައްޔާރުވެފައިވާ މިންވަރެވެ.