ދޯހާ (6 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ދެކުނު ކޮރެއާ އަތުން 4-1 އިން މޮޅުވެ، ބްރެޒިލް މުބާރާތުގެ ކުއަޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ގުރޫޕްގައި ދެން ކުޅުނު ދެ މެޗު ގެއްލުނު ބްރެޒިލްގެ ތަރި ނޭމާ ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11ގައި ކުޅެން ނިކުމެފަ އެވެ. ނޭމާއާއެކު، ބްރެޒިލް ފެނުނީ ދެކުނު ކޮރެއާ އަށް ހިފަހައްޓާލެވޭ ވަރަށް ވުރެ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ވަނީ އެ ޓީމު ކޮޅަށް މެޗު އެނބުރާލައިފަ އެވެ.
މެޗުގެ ހަތް ވަނަ މިނިޓުގައި ބްރެޒިލް އަށް ލީޑު ހޯދައިދިނީ ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ އެވެ. އޭރިޔާ ތެރެއަށް ރަފީނިއާ ހުރަސްކޮށްލި ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ވިނީއަޝް ވަނީ ވަރަށް ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 13 ވަނަ މިނިޓުގައި ބްރެޒިލް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ނޭމާ އެވެ. މިއީ ނޭމާ ބްރެޒިލް އަށް ކާމިޔާބުކޮށްދިން 76 ވަނަ ލަނޑެވެ. ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ލަނޑު ޖެހުމުގެ ރެކޯޑާ އަރާ ހަމަކުރަން ނޭމާ މިހާރު ބޭނުން ވަނީ އެންމެ ލަނޑެކެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖެހީ ރިޗާލަސަން އެވެ. މޮޅު ހުނަރުތަކަކާއެކު ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު ރިޗާލިސަން ތަނަވަސްކުރި ފުރުސަތުގައި، ގޯލަށް ބޯޅަ އަމާޒުކޮށްލަން އޭނާ ޖާގަ ހޯދީ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ދިން ޕާހުންނެވެ.
މެޗުގެ 36 ވަނަ މިނިޓުގައި ވީނިޝިއަސް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެޒިލްގެ ހަތަރު ވަނަ ލަނޑު ޖެހީ ވެސްޓް ހޭމަށް ކުޅޭ މިޑްފީލްޑަރު ލޫކަސް ޕަކުއޭޓާ އެވެ.
ތަފާތު ބޮޑުވިޔަސް، ދެކުނު ކޮރެއާ އިން ކެނޑިނޭޅި ގޭމުގެ ތެރެއަށް ވަންނަން މަސައްކަތްކުރި އެވެ. އަދި ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. ދެކުނު ކޮރެއާ އަށް ސުން ކަނޑުވާލެވުނީ ޕައިކް ސެއުންގް ހޯ ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓް ގޯލަށް އަމާޒުވުމުންނެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ކްރޮއޭޝިއާ އެވެ.