ދިވެހި ރައްޔިތެއްކަން އަންގައިދޭ ޑިޖިޓަލް ކާޑް މިމަހުގެ ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
"ކާޑު މިހާރު މި ހަދަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަ ގޮތަށް. ނަމަވެސް ކުރިއަށް އޮތްތާނުގައި އެ ކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެ. ނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މައުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުން. މި ކާޑު އަހަރު ނިމުމުގެ ކުރިން ތައާރަފުކުރުން އަމާޒަކީ،" ޝަރީފް ވިދާޅުވި އެވެ.
މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ ޑިޖިޓަލް ފީޗާސް ހިމެނޭ ކާޑެއް ނޫނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ފީޗާސް ހިމެނޭނެ ކާޑެކެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތައަރަފްކުރަނީ އަލަށް ތައާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި އެޕްލިކޭޝަން ޑިޒައިންކޮށްފައި ވަނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ އެ މީހާގެ ޒާތީ މައުލޫމާތާ ގުޅޭ ހުރިހާ ކާޑްތައް، ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށެވެ.
މި އެޕްލިކޭޝަނަށް އަމިއްލައަށް އެއްވެސް މަޢުލޫމާތެއް ނޭޅޭނެ އެވެ.
ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ކާޑާއި ލައިސަން ކާޑު ފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި މިއިން އެއްވެސް މައުލޫމާތަކަށް އަމިއްލައަށް އެއްވެސް ބަދަލެއް ވެސް ނުގެނެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އީފާސް އެޕްލިކޭޝަންގައި ހިމެނެނީ ތިން ބާވަތެއްގެ ދަފްތަރެވެ. އެއީ ނެޝަނަލް ރެޖިސްޓްރޭޝާނުން ދޫކުރާ ދިވެހިންގެ މައުލޫމާތާއި، އިކޮނޮމިކް މިނިސްޓްރީިގެ ބިދޭސީންގެ ދަފްތަރު އަދި އެހެނިހެން ބޭނުމުގައި ރާއްޖެއަށް އަންނަ މީހުންގެ ވިޒާގެ ދަފްތަރެވެ. މި މީހުންގެ އައިޑެންޓިޓީ ކާޑް ނުވަތަ ވޯކް ޕާމިޓާއި އަދި ލައިސަންސް ކާޑުގެ މަޢުލޫމާތުތައް ވެސް މި އެޕްލިކޭޝަނުގައި ހިމެނޭނެ އެވެ.
އެ މީހެއްގެ މައުލޫމާތު ހިމެނޭ އީފާސް މިހާރު ވެސް ވެބްސައިޓު ބޭނުންކޮށްގެން ބޭނުންކުރެވެ އެވެ. އީފާސް ވެބްސައިޓް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް އީފާސްގެ ޚިދުމަތް 140،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ބޭނުންކުރެ އެވެ.
ނެޝަނަލް އައިޑެންޓިޓީ ކާޑާއެކު ތަޢާރަފްކުރާ އީ.ފާސް އެޕްލިކޭޝަނަކީ ރައްކާތެރިކަމުގެ ފީޗާސްތައް ވަރުގަދަ އެޕްލިކޭޝަނެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެގޮތުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، އެ މީހާގެ ޒާތީ މައުލޫމާތު، އޮޅުވާލައިގެން އެހެން މީހަކަށް ނުނެގޭނެ ގޮތް ހެދުމަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން ކާޑު ބޭނުންކުރަން ދޫކުރުމުގެ ކުރިން، މީހާ ކަށަަވަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލޮގިން ވާއިރު ލައިވް ޗެކް އަދި ލައިކް ޗެކެއް ހަދާނެ. ލައިވް ޗެކްގައި ވަގުތުން އެމީހާގެ ލައިވްކޮށް ބަލާ ކަށަވަރުކުރާނެ. މިއަކަށް ފޮޓޯއެއް ނޫނީ ވީޑިއޯއެއް ބޭނުމެއް ނުކުރެވޭނެ. އަދި ފޯނުގެ ބައޯ މެޓްރިކްސްއާއި އޯޓީޕީ ކޯޑަކީވެސް މުހިންމު ފީޗާތައް،" ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުގެ މުއައްސަސާއެއްގައި ރަސްމީކޮށް ރަޖިސްޓްރީކުރާ ޒާތީ ހުރިހާ މަޢުލޫމާތުތައް މި އެޕްލިކޭޝަނުގައި ހިމެނޭނެ އެވެ. އެގޮތުން ކައިވެންޏާއި ދަރިންގެ މައުލޫމާތުތައް ވެސް އެ އެޕްލިކޭޝަނުގައި ހިމެނޭނެ ކަމަށް އެންސީއައިޓީން ބުންޏެވެ. އަދި އެޕްލިކޭޝަނެއް ހުށައެޅުމުގައި ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރާ ނަމަ، ހުށައަޅާ އެޕްލިކޭޝަންތަކުގެ ހިސްޓްރީ ވެސް ފެންނަން ހުނާނެ އެވެ.
މީގެ އިތުރުން އެ މީހެއްގެ އަމިއްލަ ފޯނު ނޫން އެހެން ފޯނަކުން ލޮގިންވާން އުޅުނު ނަމަވެސް، އެކަން ވެރިފަރާތަށް ނޮޓިފައި ކުރާނެ އެވެ.