ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިހާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

ހަޒާޑް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ގައުމީ ލެވެލްގައި އެއްވެސް މުބާރާތެއް ވެސް ނުކުޅޭނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްގައި ދާދި ފަހުން ބެލްޖިއަމް ކަޓާފައި ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވެ ގްރޫޕްގެ ތިން ވަނައަށް ވެއްޓުމުންނެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދިޔައީ ކްރޮއޭޝިއާގެ އިތުރުން މޮރޮކޯއެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ މޮރޮކޯއެވެ.

ހަޒާޑް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

މިފަހަރުގެ ވޯލްޑް ކަޕުގައި ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ހަޒާޑް ގައުމީ ޓީމަށް ކުޅެން ފެށި އުމުރުން 17 އަހަރުގަ އެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ގައުމީ ޓީމަށް ހަޒާޑް ވަނީ 126 މެޗު ކުޅެދީ 33 ގޯލް ކާމިޔާބުކޮށްފަ އެވެ.

ބެލްޖިއަމް ގައުމީ ޓީމާއެކު މާބޮޑު ކާމިޔާބެއް ހަޒާޑަށް ހޯދިފައި ނުވާއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި ބެލްޖިއަމް ޓީމުގައި މުހިއްމު ދައުރެއް އޭނާ އަދާކޮށްފައިވެ އެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް ހަޒާޑް ކުޅުން ހުއްޓާލިއިރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާ ގުޅިގެން އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.