ދޯހާ (10 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ޕޯޗުގަލް އަތުން 1-0 އިން މޮޅުވެ، މޮރޮކޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. މޮރޮކޯ އަކީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާ ބައްރުގެ ފުރަތަމަ ޓީމެވެ.

މި ނަތީޖާއާއެކު، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ،37، ކުރަމުންދިޔަ އުންމީދުތައް ވަނީ ފެނަށް ގޮސްފައެވެ. ވަރުގަދަ ޓީމަކާއެކު މި އަހަރުގެ ވޯލްޑް ކަޕަށް ނިކުތް ޕޯޗުގަލް އަށް މިރޭގެ ބައްޔަކީ ހަޖަމްކުރަން އުނދަގޫ ނަތީޖާއަކަށްވާނެ އެވެ.

މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނިޓުގައި މޮރޮކޯ އަށް ކާމިޔާބުކޮށްދިނީ ސެވިއްޔާގެ ފޯވަޑް ޔޫސެފް އަލް ނެސްރީ އެވެ. ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަލް ނެސްރީ ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް މިރޭގެ މެޗު ވެސް ފެށީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެނެވެ. އެކަމަކު މެޗުގެ 51 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ ކުޅެން ނުކުމެފައެވެ. އެކަމަކު ރޮނާލްޑޯ އަށް ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ.

ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މޮރޮކޯގެ ކީޕަރު ބޮނޯ ދިފާއުކުރި އެވެ. އަދި މީގެ އިތުރުން ޕޯޗުގަލްގެ ޖައޯ ފެލިކްސް ފޮނުވާލި ބާރު ޝޮޓެއް ވެސް ބޮނޯ ދިފާޢުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަށް އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ އަށް ގޯލާ ދިމާލަށް ބޯޅަ އަމާޒެއް ނުކުރެވުނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި މޮރޮކޯގެ ފޯވަޑް ވާލިދް ޗެދީރާ އަށް މެޗުގެ އިތުރު ވަގުތުގައި ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ. އެކަމަކު މެޗުގެ ބާކީ އޮތް ވަގުތުކޮޅުގެ ތެރޭގައި، މޮރޮކޯ އިން ވަނީ 10 މީހުންނާއެކު ވެސް ނަތީޖާ ހިފަހައްޓައިފަ އެވެ.

މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކުރުމަކީ ވެސް މި އަހަރުގެ ވޯލްޑް ކަޕްގައި ހައިރާންކުރެވުނު ނަތީޖާއެކެވެ. އަދި ޕޯޗުގަލް ބަލިކޮށް ސެމީ އަށް ދަތުރުކުރުމަކީ ވަރަށް ތަރީހީ ކާމިޔާބެކެވެ. މުޅި އެފްރިކާ ބައްރުގެ އިތުރުން، އަރަބި ދުނިޔޭގެ ގައުމުތަކަށް ވެސް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރެވިދާނެ އެވެ. އަދި ވަކިން ހާއްސަކޮށް މި އަހަރުގެ ވޯލްޑް ކަޕް އަރަބި ދުނިޔޭގެ ގައުމެއްގައި ކުޅުމަކީ، މި ކާމިޔާބީ އިތުރަށް ހާއްސަވާ ސަބަބެކެވެ.

މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމު ވަނީ ޕޯޗުގަލް އާއި ސްޕެއިން އިތުރުން ބެލްޖިއަމް ވެސް މި މުބާރާތުގައި ބަލިކޮށްފަ އެވެ. ފަސް މެޗުން އެ ޓީމު ކޮޅަށް ވަނީ އެންމެ ލަނޑެކެވެ.

ސެމީ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ މިރޭ އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމެކެވެ.