އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން އެޑްވާންސް ބުކިންއަށް ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރު ފޯ ދި އާޓްސް (އެންސީއޭ)އިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން އެޑްވާންސް ބުކިން އަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު 15 އިން ފެށިގެން ޕްރެކްޓިސް ރޫމްތައް ބުކް ކުރުމާއި ހޯލް ވެސް ބުކްކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޕްރެކްޓިސް ރޫމް ކުއްޔަށް ހިފުމުގެ އުސޫލުގައިވާ ގޮތުން ޕްރެކްޓިސް ރޫމް ބޭނުންކުރުމުގެ ހުއްދަ ދެނީ މެންދުރުފަހު 2:00 އާއި މެންދަމު 12:00 އާ ދެމެދު އެވެ. އަދި ހުކުރު ދުވަހު ނަމަ ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ދެމެދު އެވެ.

ޕްރެކްޓިސް ރޫމް އެއްފަރާތަކަށް އެއްފަހަރާ ދޭނީ ގިނަވެގެން ދެ ގަޑި އިރަށް ޖެހިޖެހިގެން 14 ދުވަހަށެވެ. އަދި އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އިތުރުކޮށް ދެވޭނީ އެހެން ފަރާތަކުން ބުކްކޮށްފައި ނުވާނަމަ އެވެ.

ފިލްމު ސްކްރީން ކުރުން ނޫން ގޮތަކަށް އޮލިމްޕަހުގެ ހޯލު ބޭނުންކުރެވެނީ ހެނދުނު 8:00 އިން މެންދަމު 12:00 އާ ދެމެދު އެވެ. އަދި ފިލްމު ނުވަތަ ޝޯއެއް ނަމަ، އެ ޝޯ ނިމެންދެނެވެ.

ރޭގަނޑުގެ ވަގުތުގައި ދެ ފިލްމެއް ނުވަތަ ދެ ޝޯ އެއް ކުރިއަށް ގެންދާނަމަ ދެވަނަ ކަމެއް ލަސްވެގެން ރޭގަނޑު 11:00 ޖަހަންވާއިރަން ފަށަންޖެހޭނެ ކަމުގައި ވެސް އުސޫލުގައި އޮވެ އެވެ. އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލިއިރު ކޮވިޑްގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ 2020 ވަނަ އަހަރު އެ ސިނަމާ ބަންދުކުރި ގޮތަށް އޮލިމްޕަސް ހުޅުވުން ލަސްވާތީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ރައްޔިތުން މަޖިލީހުން ވަނީ ސުވާލުކޮށްފަ އެވެ.

މިނިސްޓަރު ޔުމްނާ އޭރު ވިދާޅުވީ މިމަހުގެ ސޯޅަ ވަނަ ދުވަހު އޮލިމްޕަސް ހުޅުވިގެންދާނެ ކަމަށެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ މީހުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމަހު އޮލިމްޕަސް ހުޅުވާނެ ކަމަށް މިދިޔަ މަހު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރިން ވިދާޅުވެފައިވެ އެވެ.