އެމްޑީޕީގެ މަތި އުތުރު ދާއިރާގެ ރައީސް ކަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކާމިޔާބު ކުރައްވައިފި އެެވެ.

ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

އެ ދާއިރާގެ އިންތިޚާބު ބޭއްވީ މިއަދު އެވެ.

އިންތިޚާބުގެ ކާމިޔާބީއާއެކު ކުރެއްވި ޓްވީޓެއްގައި އަކްރަމް ވިދާޅުވީ މުސްތަގުބަލްގައި އޭނާ މަސައްކަތް ކުރާނީ އެޕްރޮވިންސްގެ ރައްޔިތުންނާއި މެމްބަރުންނާއި އެންމެ ގާތުން ކަމަށެވެ. އަކްރަމް ވަނީ އޭނާ އަށް ވޯޓްދިން ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަކްރަމް މި އިންތިހާބު ކާމިޔާބު ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އާއި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އާ ވާދަކުރައްވަ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް އޭނާ ވާދަކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.