ގަތަރުގައި ރޭ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގެ ފަހުރުވެރި ތަށި ދައްކާލުމުގެ ފުރުސަތު ލިބުނު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންގެ ނަން ތާރީހުގައި ލިޔެވިއްޖެ އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ދައްކައިލަން އިންޑިއާގެ ރައްޔިތަކަށް އަދި ބޮލީވުޑްގެ ބަތަލާއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ދީޕިކާ އަކީ ލަގްޒަރީ ބްރޭންޑު ލުއި ވިތޯންގެ އިންޑިއާގެ އެމްބެސެޑަރެވެ.

ވޯލްޑް ކަޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ދީޕިކާ ޓްރޮފީ ދައްކާލަނީ

ރޭ ދޯހާގެ ލުސައިން ސްޓޭޑިއަމްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކޮށް، ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދި ފައިނަލް މެޗުގެ ކުރިން ބޭއްވި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ލުއި ވިތޯން ފޮށީތެރޭ ހުރި 6.175 ކިލޯގެ ރަން ތަށި ދައްކާލީ ދީޕިކާ އާއި ސްޕެއިންގެ ކުރީގެ ކީޕަރު އަދި ކެޕްޓަން އީކާ ކަސިލަސް އެވެ.

ވޯލްޑް ކަޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ދީޕިކާ ޓްރޮފީ ދައްކާލަނީ

ދީޕިކާގެ ކެރިއަރުގައި އޭނާ ވަނީ އިންޑިއާ ފަހުރުވެރިވާނެ ގިނަ މުނާސަބަތުތަކުގައި ގައުމު ތަމްސީލުކޮށްފަ އެވެ. އެންމެ ފަހުން ނިމިގެން ދިޔަ ކާން ފިލްމު ފެސްޓިވަލުގައި ވެސް އޭނާ އިންޑިއާ ތަމްސީލު ކުރި އެވެ.

ދީޕިކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހު ރުކް ހާން އާއެކު 'ޕަތާން' އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 25 ގަ އެވެ.