ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެހެން ހީވާ 39،000 އަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެމްބަރުން ވަކިކޮށްފައިވާ ކަމަށާއި އެއީ ރައީސް ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބެލެވޭ "އަސްލު އެމްޑީޕީ މެންބަރުން" ކަމަށެވެ.

"އެމްޑީޕީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބާއްވާ ޕާޓީއެއް. އެކަން ކުރެވޭނީ ކުރިން އިއުލާންކޮށްފައި އޮތް ވޯޓު ލެވޭ މީހުންގެ ލިސްޓު އޮވެގެން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އާންމު މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ވެސް އިއްޔެ އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަޝީދުގެ އެ ވާހަކަ އެމްޑީޕީން ވަނީ ދޮގުކޮށްފަ އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެފައި ވަނީ ދަފްތަރު ސައްހަ ކުރަން ޖެހުނީ ޕާޓީގެ ދަފްތަރުގައި ހިމެނޭ 17،000 އަށް ވުރެން ގިނަ މީހުން އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ބަލާތީ ކަމަށެވެ.

އެ ޕާޓީގެ ދަފްތަރު މިހާރު އޮތީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް އެބަދެ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.