ނިއު ދިއްލީ (ޑިސެމްބަރު 22) - ޗައިނާގައި ކޮވިޑު ފެތުރުން އިތުރުވަމުންދާތީ އިންޑިއާގައި ވެސް ކޮވިޑުގެ އާ ރާޅެއް އުފެދިދާނެތީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އެންމެން ވެސް ސަމާލުކަން ދިނުމަށް އިންޑިއާގެ ހެލްތު މިނިސްޓަރު އިންޒާރު ދެއްވައިފި އެވެ.
ހެލްތު މިނިސްޓަރު ވަނީ އެންމެން ވެސް މާސްކް އަޅައިގެން އުޅުމަށާއި ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި ބޫސްޓަ ޑޯޒް ޖެހުމަށް ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.
ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން އިންޑިއާ އިން މި އަހަރުގެ ކުރީކޮޅު ވަނީ މާސްް އަޅައިގެން އުޅުމަށް ދޫދީފަ އެވެ. ނަމަަވެސް އަވަށްޓެރި ޗައިނާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އިންޑިއާ އިން މިހާރު ވަނީ އެލާޓަށް އައިސްފަ އެވެ.
ޗައިނާގައި ކޮވިޑް އިތުރުވަމުންދަނީ އޮމިކްރޮންގެ ސަބްވޭރިއަންޓެއްގެ ސަބަބުންނެވެ. ބީއެފް.7 ވޭރިއަންޓް ވަނީ އިންޑިއާގެ ތިން ސްޓޭޓަކުން ފެނިފަ އެވެ.
އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އެކްޓިވް ކޮވިޑް ކޭހުގެ އަދަދަކީ 3،400 އެވެ.
އިންޑިއާ އިން ވަނީ 2020 އަދި 2021 ވަނަ އަހަރު ވެސް ކޮވިޑުގެ ނުރައްކާތެރި ދެ ރާޅު ތަޖުރިބާކޮށްފަ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓަރު މަންސުކް މަންދަވިޔާ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޗައިނާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ނިއު ދިއްލީން މިހާރު ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތީ ފެސްޓިވް ސީޒަނަށްވާތީ، ސްޓޭޓްތަކުން އިޖްތިމާއީ ގައިދުރުކޮށް އުޅުމަށާއި މާސްކް އަޅައިގެން ގުޅުމަށް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އިންޑިއާ އިން ވަނީ ނޮބެމްބަރު މަހުން ފެށިގެން ޓްރޭވަލް ގައިޑްލައިނަށް ވެސް ލުއިދީފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް ޕަސިންޖަރުންގެ ރެންޑަމް ސާމްޕަލް ނަގަން އެ ގައުމުން އަދި ފަށައިފައެއް ނުވެ އެވެ.
އިންޑިއާގައި މިހާތަނަށް ވަނީ 2.2 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ދީފަ އެވެ. ނަމަވެސް މިހާތަނަށް ބޫސްޓަ ޑޯޒް ޖަހާފައި ވަނީ 27 ޕަސެންޓް މީހުންނެވެ.
އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުން ވަނީ ކޮވިޑް ކޭސްތައް އިތުރުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކަށް ސަމާލުވެ ތިބުމަށް އަންގައިފަ އެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދުގެ ވަގުތެއްގައި، ކޮވިޑުގެ ހާލަތާ ގުޅޭ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވާނެ އެވެ.