ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ މެންބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރު މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލައި ނަޝީދު ނެރުއްވި ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ. އަދި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ބިޔަ ބޮޑު ޕާޓީ ގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ނަޝީދު ނެރުއްވި ބަޔާނުގައި ވަނީ އެމަނިކުފާނަށް ތާއީދު ކުރާ މުވައްޒަފުން އެ މީހުން ވަޒީފާ އަދާކުރާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެ މީސް މީހުން ވޯޓުލުމުން މަހްރޫމް ކުރުވުމާއި އެ މީހުންގެ ރަށްރަށުގައި އެމަނިކުފާނަށް މަސައްކަތް ކޮށްދިނުމުން ދުރުކުރުވުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ނަޝީދާއި ރައީސް ސޯލިހުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްދަނީ ވަރަށް ވާދަވެރިކޮށެވެ. ނަޝީދު މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި އއ. އަތޮޅުގަ އެވެ. އަދި ރައީސް ސޯލިހު ހުންނެވީ ރ. އަތޮޅުގަ އެވެ.
މީގެކުރިން ނަޝީދަށް ތާއީދު ކުރެއްވި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވަނީ ރައީސް ސޯލިހުގެ ކެމްޕެއިން ޓީމާ ގުޅިވަޑައިގެންފަ އެވެ.