ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިޔަކު ލިބެން އުޅޭ ވާހަކަތަކެއް އަނެއްކާ ވެސް ފެތުރެން ފަށައި، ގިނަ ބަޔަކު އެކަން ޔަގީންކޮށްފި އެވެ.

ވަރަށް ސިއްރުން ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަތަކެއް މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ދެކެވިފައިވެ އެވެ.

އެގޮތުން ދާދި ފަހުން ކެޓްރީނާ އާއި ވިކީއާ ދެމީހުން އެކީގައި ހިންދޫގެ އަޅުކަމެއް ކުރުމަށް ފައްޅިއެއްގައި ހުރި ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ފޮޓޯތަކުގައި ކެޓްރީނާ ބަނޑުބޮޑުކަން ހާމަވާކަމަށް އާންމުން ވަނީ ކަށަވަރުކޮށްފަ އެވެ.

ހަމައެހެންމެ ކެޓްރީނާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ އިނީ ހަގީގަތުގައި ވެސް ބަލިވެކަމަށާ އެކަމާ ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް އުފަލުން ތިބި ކަމަށެވެ.

މިކަން ފާހަގަކޮށް އާންމުން ސޯޝަލްމީޑިއާއާ އެހެނިހެން ޕްލެޓްފޯމުތަކުގައި ސުވާލު އަމާޒުކުރި ނަމަވެސް މިކަމަށް ކެޓްރީނާ ނުވަތަ ވިކީގެ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.