ބްރެޒިލިއާ (12 ޖެނުއަރީ) - ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން އެގައުމުގެ މަގުމައްޗަށް ނުކުމެ ކުރަމުން އަންނަ ހަމަނުޖެހުންތައް އިތުރު ވުމާއެކު ބްރެޒިލްގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

މިދިޔަ މަހު ބޮލްސޮނާރޯ އެމެރިކާއަށް ވަޑައިގަތީއްސުރެ އޭނާއަށް ސަޕޯޓުކުރާ ބްރެޒިލުގެ ރައްޔިތުން އަންނަނީ އެގައުމުގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އެގޮތުން ބްރެޒިލްގެ ރައްޔިތުންގެ މަޖިލީހަށް ވަދެގަންނަން އުޅުނު ބަޔަކާ ދެކޮޅަށް ދައުވާ އުފުލާފައިވާއިރު އިތުރު ބަޔަކު ވެސް ފުލުހުންގެ ހައްޔަރުގައި އެބަ ތިއްބެވެ.

ފުލުހުން ވިދާޅުވީ އާދީއްތަ ދުވަހު ސަރުކާރުގެ އޮފީސްތަކަށް ހަމަލާ ދޭން އުޅުނު މީހުންގެ ތެރެއިން 1159 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 684 މީހަކު އަދިވެސް ހައްޔަރުގައި އެބިތިބި ކަމަށެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުުމުގައި ފުލުހުންނަށް ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނައިރު އާއްމުންނާއި ފުލުހުންގެ ކުރިމަތިލުން ތަކުގައި ގިނަ ބަޔަކަށް އަނިޔާ ވެސް ވެފައިވެ އެވެ.

ބްރެޒިލްގައި މިފަހުން ބޭއްވި އިންތިހާބުން ނާކާމިޔާބުވި ފަރާތްތަކުން ގައުމުގެ އަމަންއަމާންކަން ނަގާލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ވިޔަ ނުދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

ބޮލްސޮނާރޯ ވަނީ އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލެއްގައި މިފަހުން އެނދުމަތިވެ ފަރުވާ ހޯއްދަވާފަ އެވެ. އެހެން ނަމަވެސް މިހާރު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ