ތެހެރާން (21 ޑިސެމްބަރު) - އީރާންގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމަށް އެ ގައުމުތަކުން ނިންމައިފި އެވެ.

ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަންދީފައިވާ 2015 ވަނަ އަހަރު ވިއެނާގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެމްބަރު ގައުމާއި، ޔޫރަޕިއަށް ޔޫނިއަނުން އީރާނާއެކު އެއްބަސްވި ނިއުކްލިއަ ޑީލަށް އަލުން އަމަލުކުރުމަށް ފެއްޓުމަށް ގައުމުތަކުން މަސައްކަތްކޮށްދޭން ތައްޔާރަށް ތިބި ކަމަށް އެ ގައުމުތަކުން ދާދިފަހުން ވަނީ ބުނެފަ އެވެ.

އެ ގައުމުތަކުން މިހެން ބުނީ އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ހޯމަ ދުވަހު ބޭއްވި އޮންލައިން މީޓިން ނިންމުމަށްފަހު ނެރުއްވި ބަޔާނުގަ އެވެ. އެ މީޓީންގައި އިރާން، ޖަރުމަން ވިލާތް، ފްރާންސް، އިނގިރޭސި ވިލާތް، ޗައިނާ އަދި ރަޝިޔާގެ ފޮރިން މިނިސްޓަރުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ޖޭސީޕީއޯއޭގައި އެއްބަސްވި ކަންތައްތަކަށް އަލުން ރުޖޫއުވުމުގެ މުހިންމުކަމާއި އަދި އެކަންކަން ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާމެދު އެވެ. އަދި މި އެއްބަސްވުމަކީ ފަނާކުރުވަނިވި ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއްކަން ހުރިހާ ގައުމުތަކުން ދެކޭކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މި އެއްބަސްވުމަށް ޓްރަމްޕް ސަރުކާރުން ދެކޮޅު ހަދައި، އަދި އެއްބަސްވުން އުވާލައި އިރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާފައިވާތީ މިނިސްޓަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމެރިކާ އަލުން އަނބުރާ އެއްބަސްވުމަށް ގެންނަށް މިނިސްޓަރުން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ބަޔާނުގައި ވެ އެވެ.

މި ބައްދަލުވުމުގައި ޖަރުމަންގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވަނީ ޓްރަމްޕްގެ ނިންމުން އަލަށް އިންތިހާބުވި ރައީސް ބައިޑެންއަށް ބަދަލުކުރަން އުނދަގޫވާ ފަދަ ކަންކަން ނުކުރުމަށް އީރާނަށް ގޮވާލައްވާފަ އެވެ.

ފޮރިން މިނިސްޓަރު ފާހަގަކުރެއްވީ އީރާންގެ ޕާލަމެންޓުން ދާދި ފަހުން ފާސްކުރި ބިލަށެވެ. މި ބިލުގައިވާ ގޮތުން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދެމަސް ތެރޭގައި ލުއި ނުދީފިނަމަ އިރާންގެ ނިއުކްލިއަ ސައިޓްތައް އިންސްޕެކްޓް ކުރުމަށް އަންނަ ޔޫއެންގެ އިންސްޕެކްޝަން ޓީމްތަކަށް ފުރުސަތު ދިނުން ހުއްޓާލައި ޖޭސީޕީއޯއޭއިން ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރަށް ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ފަށަން ޖެހޭނެ އެވެ.

އިރާންގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި އިރާންގެ ރައީސް ހަސަން ރޫހާނީގެ ސަރުކާރުން ފަހުން ފާސްކުރި ބިލަށް ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް ގާނޫގައި ބުނާގޮތުން އެ ބިލަށް ސަރުކާރުން އަމަލުކުރަން ޖެހޭނެ އެވެ. - އަލްޖަޒީރާ