އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ އެވެ.

މަރުވި ގައިދީ އަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36) އެވެ.

ކަރެކްޝަނުން ބުނިގޮތުގައި ރޭ 10 ޖަހާކަންހާއިރު، ހުން ގަދަވާތީ ރަޝީދު ވަނީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާދީފަ އެވެ.

ހާލު އިތުރަށް ބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިން އިރު ވެސް ހާލު ދެރަވަމުން ދިޔަކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. އަދި ސީޕީއާރް ދިނުމަށް ފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައިކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

ކަރެކްޝަނުން ބުނިގޮތުގައި އޭނާ ޖަލަށް ގެނައި ދުވަހު ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވެ އެވެ. ރަޝީދަކީ އެއްވެސް ބައްޔަކަށް ފަރުވާހޯދަމުން ދިޔަ މީހެއް ނޫންކަން ވެސް ކަރެކްޝަނުން ފާހަގަކޮށްފައިވެ އެވެ. ރަޝީދުގެ މަރާ ގުޅިގެން ވަގުތުން އަންގަން ޖެހޭ ފަރާތްތަކަށާއި، އޭނާގެ އާއިލާއަށް އެކަން އެންގިކަމަށް ކަރެކްޝަނުން ބުންޏެވެ.

ވައްކަމުގެ މައްސަލައެއްގައި ޖަލަށްލި ރަޝީދަކީ ހަ މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.