ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި އަމަލުކުރާ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސް އާ މިންގަނޑުތަކަށް އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރުމަށް ނިންމައި، ވަގުތީ ގޮތުން ސިވިލް ސާވިސް ވަޒީފާތަކަށް އިއުލާނުކުރުން ހުއްޓައިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން އަންގައިފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާނުކުރުން މާދަމާއިން މެދުކަނޑައިލަން އަންގަނީ އައު އުސޫލަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އަދި ކޮންމެހެން މަގާމަކަށް މީހަކު ނެގުމަށް އިއުލާނު ކުރަންޖެހޭ ނަމަ، މާދަމާގެ ކުރިން އެ އިއުލާނެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެ އުސޫލުގެ ތައާރަފުގައި ބުނެފައިވަނީ މި އުސޫލަކީ ސިވިލް ސާވިސްގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) އަދި އެ ގާނޫނުގެ 38 ވަނަ މާއްދާއާއި ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާއަށް މީހުން ނެގުމަށް އަމަލުކުރަންޖެހޭ އުސޫލެއް ކަމަށެވެ. އަދި މި އުސޫލަކީ ސިވިލް ސާވިސް ވަޒީފާތަކަށް އެންމެ ގާބިލު އެކަށޭނެ މީހުން އިޚުތިޔާރުކުރުމަށް އެހީވާނެ އުސޫލެއް ކަމަށް ވެސް އެ ތައާރަފުގައި ބުނެފައިވެ އެވެ.

ސީއެސްސީގެ އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން މިނިސްޓްރީއެއްގެ ދަށުގައި އޮންނަ އިދާރާއަކަށް މުވައްޒަފަކު ހޯދުމާމެދު ގޮތެއް ނިންމާނީ މިނިސްޓަރެވެ. ބޯޑެއްގެ ދަށުގައި އޮންނަ އިދާރާއަކަށް މުވައްޒަފަކު ހޯދުމާމެދު ބޯޑުން ގޮތް ނިންމާއިރު، ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާއެއްނަމަ، އެކަމުގައި ގޮތް ނިންމާނީ ކައުންސިލުންނެވެ.