ޓޫރިސްޓުން ދަތުރުކުރާ މިންވަރު މަދުވުމުން، ރާއްޖެ ހިމެނޭ ގޮތަށް 56 ގައުމެއްގެ މީހުންނަށް ވިސާއާ ނުލައި އަލުން ތައިލެންޑަށް ދެވޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތައިލެންޑުން ވަނީ އެ ގައުމަށް އެތެރެވާ ޓޫރިސްޓުން ވެސް ވިސާ ނަގާ ގޮތަށް ހަމަޖައްސާފަ އެވެ. ނަމަވެސް ވިސާ އަށް އެދޭ ފަރާތްތައް މަދުވުމުން، 56 ގައުމަކުން ވިސާ އަކާއި ނުލާ ދެވޭ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ތައިލެންޑުން ވިސާއާ ނުލައި ދަތުރުކުރެވޭ ލިސްޓުގައި ރާއްޖޭގެ އިތުރުން، މެލޭޝިއާ، ތުރުކީ، އިނގިރޭސިވިލާތް، އެމެރިކާ އަދި ފްރާންސް މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮން، ވިއެޓްނާމް ހިމެނެ އެވެ.
ވިސާއާ ނުލާ 56 ގައުމެއްގެ މީހުންނަށް ތައިލަންޑަށް އެތެރެވެވޭނެ ގޮތް ހަމަޖައްސާފައިވާއިރު، އެ ގައުމަށް އެތެރެވުމަށް 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ބޭނުންވެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް ސާފުވާ ގޮތެއްނުވި އެވެ.
ތައިލެންޑާ ރާއްޖެއާ ދެމެދު މިވަގުތު ސީދާ ދަތުރުކުރާ އެއާލައިނެއް ނެތެވެ. ނަމަވެސް ސިންގަޕޫރު ސިލްކް އެއާއިން މާލެ- ސިންގަޕޫރު- ބެންކޮކް ދަތުރުކުރެ އެވެ.
ކޮވިޑް-19އާއި ގުޅިގެން ތައިލެންޑުގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ދިވެހިންނަށް ތައިލެންޑަށް ވިސާ އާއި ނުލާ ދަތުރުކުރެވެ އެވެ. މި ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ތައިލެންޑަށް ދާ ދިވެހިންނަށް އެ ގައުމުގައި ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ކުރިން ތިބެވެ އެވެ.