ވެރިކަންކުރާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް އާންމުކޮށްފި އެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައ 200 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން އެޕާޓިން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓަނީ:

  • ސީއެޗްއެސްސީ،
  • އަމީނިއްޔާ ސްކޫލް،
  • ގައުމީ ޔުނިވާސިޓީ،
  • އިސްކަންދަރު ސްކޫލް،
  • ހިރިޔާ ސްކޫލް،
  • އިމާދުއްދީން ސްކޫލް،
  • މާފަންނު މަދަރުސާ،
  • ތާޖުއްދީން ސްކޫލް،
  • އިއްޒުއްދީން ސްކޫލް،
  • ރެހެންދި ސްކޫލް،
  • ކަލާފާނު ސްކޫލް
  • މުހްޔުއްދީން ސްކޫލް

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ އެ ރަށެއްގެ ސްކޫލްތަކުގަ އެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00އާ ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރީ އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން ދެ މީހަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އެ ޕާޓީގެ ވޯޓާސް ލިސްޓު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 57،257 މީހުންނަށް އެ އިންތިހާބުގައި ވޯޓު ލެވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.