އުރްފީ ޖާވޭދްއަކީ އިންޑިއާގެ ނޫސްތަކާއި، އެކި ހަބަރުތަކުގެ ސުރުހީތަކުން ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ނަމެކެވެ.

އުރްފީއާ ގުޅިގެން އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އޭނާ ހެދުން އެޅުމުގައި ބަހައްޓާ ވައްޓަފާޅިއާ ގުޅިގެން ދެކެވޭ ވާހަކަތަކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާއިރު، އުރްފީއަށް މަލާމާތްކޮށް، ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.

އުރްފީއަށް އެކި ގޮތްގޮތުން މަލާމާތުގެ ބަސްތައް ރައްދުވާއިރު، ދާދި ފަހުން ވެސް އޭނާ އާންމުންނަށް ފެނުނު ގޮތާ ގުޅިގެން ވަނީ ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތުގެ ޝިކާރައަކަށްވެފަ އެވެ.

އެގޮތުން އުރްފީ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ބަރަހަނާ ހާލުގައި، ދިގު އިސްތަށިގަނޑަކުން ހަށިގަނޑު ނިވައިކޮށްގެން ހުއްޓަ އެވެ. އަދި މި ފޮޓޯތަކާއި ވީޑިއޯތައް ބަލައި އާންމުން އޭނާއަށް "ނަންގި ރެޕަންޒިލް" ދިވެހި ބަހުންނަމަ، ރެޕަންޒިލް ދައްތަގެ ނަމުން ނަން ކިޔައި މަލާމާތްކޮށްފައިވެ އެވެ.

އުރްފީ، މުސްލިމް އާއިލާއަކަށް ނިސްބަތްވާއިރު، މުސްލިމުންގެ އިތުރުން ވެސް އިންޑިއާގެ އެހެނިހެން ދީންތަކުގެ މީހުން ދަނީ އުރްފީގެ ނިވައިކަން ކުޑަކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފާޑުކިޔާ މީހުންގެ ބަސް އަޑުއެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އުރްފީ ބުނެފައިވެ އެވެ.