ނިއުޔޯކް ( 22 ޑިސެމްބަރު) - ފަރުވާކުޑަވުމާއި ހެދިފައިވާ އުސޫލުތަކަށް ތަބާނުވުމަކީ ކޮވިޑް ވައިރަސް ފެތުރެން ދިމާވާ އެންމެ ބޮޑު އެއްސަބަބު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސިސް ވިދާޅުވީ މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި އަލަށް ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން ފެތުރޭލެއް އަވަސްކަމަށާއި ނަމަވެސް ކުރީގެ ސްޓެރެއިން އަށްވުރެ ނުރައްކާ ބޮޑުކަމަކަށް ފާހަގަކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަކީ ވައިރަސް މިއުޓޭޓްވުމަށް (ބަދަލުވުމަށް ) އެޅޭ އެންމެ ބޮޑު ހުރަސް ކަމަށް ވެސް ޓެޑްރޯސް ވިދާޅުވި އެވެ. ސަބަބަކީ ވައިރަސް ގިނައިން ފެތުރޭނަމަ މިއުޓޭޓްވުމުގެ ފުރުސަތު ބޮޑުވުމެވެ. މި ވައްތަރުގެ ސްޓެރެއިން އެއް ސައުތު އެފްރިކާއިން ވެސް ވަނީ ފެނިފަ އެވެ.

ޑަބްލިއުއެޗްއޯގެ އެޕިޑަމޮލޮޖިސްޓް ޑރ. މާރިއާ ވެން ކެރްކޯވް ވިދާޅުވީ އަލަށް ފެނުނު ވައިރަސްގެ ވޭރިއަންޓް ކޮވިޑަށް އުފެއްދާފައިވާ ވެކްސިން އަށް ނުގުޑާ ކަމަކަށް ނުދައްކާ ކަމަށެވެ. މި ވޭރިއަންޓްގެ ވަރަށް ގިނަ ދިރާސާތަކެއް ވަރަށް ގިނަ ފަރާތްތަކުން ކުރަމުންދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މައުލޫމާތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ސައިންޓިސްޓުންގެ ތަހްލީލްތައް އަމާޒުކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއަކަށް ކަމަށާއި އެއީ މި ވައިރަސް ފެތުރޭ މިންވަރާއި، މިހާރު ރޯގާ ޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކަކީ ކުރިއަށްވުރެ ނުރައްކާ އަލާމާތްތަކެއްތޯ އާއި އަދި ވެކްސިން މި ސްޓްރެއިންއާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށެވެ.

ކޮންމެ ވައިރަސްއަކީ ވެސް މިއުޓޭޓްވާނެ އެއްޗެކެވެ. ނަމަވެސް ކޮންމެ މިއުޓޭޝަނަކުން ވައިރަސް އިތުރަށް ނުރަކާ ވެގެނެއް ނުދެ އެވެ. ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އިންފުލުއެންޒާ ވައިރަސްއާ އަޅާބަލާއިރު ނޮވެލް ކޮރޯނާ ވައިރަސް މިއުޓޭޓްވަނީ ވަރަށް މަޑު ދުވެއްޔެއްގަ އެވެ.

އިންފުލުއެންޒާ ވައިރަސް އަކީ ވަރަށް އަވަސް އަވަހަށް ބަދަލުވާ ވައިރަސްއެކެވެ. އެހެން ކަމުން ކޮންމެ އަހަރަކު ވެސް ސައިންޓިސްޓުން އާ ވެކްސިނެއް މި ވައިރަސް އާއި ދެކޮޅަށް އުފައްދަން ޖެހެ އެވެ.

ޑަބްލިއުއެޗްއޯގެ ހެލްތް އެމަޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. މައިކް ރަޔާން ވިދާޅުވިގޮތުގައި އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރުން އިތުރުވެގެން އުޅެނީ ވައިރަސް އަށް އައިސްފައިވާ ބަދަލެއްގެ ސަބަބުންތޯ ނުވަތަ އާންމުންގެ އަމަލުތަކުގެ ސަބަބުންތޯ ދަނީ ބަލަމުންނެވެ. އާންމުން އަމަލުތަށް ހުންނަގޮތުގެ ސަބަބުން ވައިރަސް އަށް ބަދަލުއައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ ގައުމުތަކުގައި ވައިރަސް ފެތުރެން ފެށިފަހުން މުޅި ދުނިޔެއިން ގާތްގަނޑަކަށް 77 މިލިއަން މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި 1.7 މިލިއަން މީހުން މި ރޯގާގައި މަރުވެފައިވެ އެވެ. – އަރަބް ނިއުސް