ވޭސްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކު މާލޭގެ އެޕާޓްމަންޓެއްގެ ކުރިމައްޗަށް ބޮޑު ކަމުދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ވެމްކޯގެ މުވައްޒަފަކު މާލޭ އިމާރާތެއްގައި ހުރި އެޕާޓްމަންޓެއްގެ ކުރިމައްޗަށް ބޮޑުކަމުދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެނިގެންދަނީ ވެމްކޯ ޔުނީފޯމްގައި ހުރި ފިރިހެނެކެވެ.

އެ ވީޑިއޯގައި އޭނާ އެ އަމަލު ހިންގާ މަންޒަރު ފެނެ އެވެ. އަދި އިމާރާތުގެ ލިފްޓުން މީހުން ފޭބުމާއެކު އޭނާ އެ ދިމާލުގައި ހުރި އެޕާޓްމަންޓެއްގެ ކުރިމައްޗަށް ބޮޑުކަމުދިޔައީ އެވެ. އެ ވީޑިއޯގައި އޭނާ ބޮޑުކަމުސްފައި ހުރިތަން ފެނެ އެވެ.

މިކަމާ ގުޅިގެން ވެމްކޯއިން ބުނީ، އެ ކުންފުނީގައި ޑިއުޓީ އަދާކުރަމުންދިޔަ ވެމްކޯގެ މުވައްޒަފަކު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލެއް ހިންގާފައިވާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލު ތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ވެމްކޯއިން އިތުރަށް ބުނީ މި މައްސަލަ އެކުންފުނިން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

ވެމްކޯއިން ވަނީ މި ހާދިސާގައި އުނދަގޫވި ފަރާތުގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި މިފަދަ ކަންކަން ތަކުރާރުވެ ނުދިއުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުނެފައިވެ އެވެ.