އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަސޭހަގޮތް ނެތްނަމަ ދެން އެމްޑީޕީން ޖެހޭނީ މަގުމައްޗަށް ނުކުންނަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ކެމްޕެއިން ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ ދައްކާގޮތުން މޮޅުވެވެން އޮތީ ޕާޓީތަކާ ކޯލިޝަން ހަދައިގެން ކަމަށެވެ.
މިރޭ ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވީ އެހެން ޕާޓީތަކާ ގުޅިގެން އިންތިހާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނަށް އެކަނި ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ނުކުރެވޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީ ކަމަށް ވިޔަސް އެ ޕާޓީއަށް ގިނިކަންޏާ ނުކުމެ ފުރަތަމަ ބުރުން 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ނުލިބޭނެ ކަމަށެވެ.
އެމްޑީޕީ އެކަނި އޮންނަ ސަރުކާރެއް އެކުލަވާލާތަން ދެކެން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އެއީ ވާނެކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިރޭ ވަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޖަލްސާއެއް ބާއްވާފަ އެވެ.