ދުބާއީ (23 ޑިސެމްބަރު) - ދުބާއީގެ އެންމެންނަށް ހިލޭ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށަން ހަމަޖައްސައިފި އެވެ.

މިއީ ދުނިޔޭގައި ވެސް އެންމެނަށް ހިލޭ ކޮވިޑް ވެކްސިން ޖަހަން ފަށާ ފުރަތަމަ ޕްރޮގްރާމެވެ.

ދުބާއީގެ ކްރައިސްސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީ އިން ބުނި ގޮތުގައި މިއަދުން ފެށިގެން މި ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޕްރޮގްރާމްގައި ދޭނީ ފައިޒާ އަދި ބަޔޯއެން ޓެކްގެ ވެކްސިން ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

މި ޕްރޮގްރާމްގައި ދުބާއީގެ އެންމެންނަށް ހިލޭ ވެކްސިން ދެވޭނެ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

ޔޫއޭއީ އިންވެސް ވަނީ މިމަހުގެ ކުރީ ކޮޅުގައި އެގައުމުގެ ރައްޔަތުންގެ ތެރެއިން ބޭނުން ކޮންމެ މީހަކަށް ވެކްސިން ލިބޭނެ އިންތިޒާމް އެކި ސަރަހައްދުގައި ގާއިމްކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

ފައިޒާ އަދި ބަޔޯ އެން ޓެކުން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ މިހާރު ދުނިޔޭގެ 45 އަށް ވުރެ ގިނަ ގައުމުތަކުން ވަނީ ދީފަ އެވެ. އަދި މި ވެކްސިން މިހާރު އެތަށް ހާސްބަޔަކަށް ޖަހާފައިވެ އެވެ. – އަލް އަރަބިއާ