ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތު މަރުވެފައި އޮއްވާ ފެނުނުއިރު، އޭނާގެ ހަށިގަނޑަށް އެކި ވަރުވަރުގެ އަނިޔާތައް ވެފައި ހުރިކަން ހާމަވެއްޖެ އެވެ.
އެކްޓަރު ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. ސުޝާންތު މަރުވި އެޕާޓްމަންޓަކީ މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ހުޅަނގު ބަންޑްރާގެ މޮންޓްބްލޭންކް އިމާރާތުގެ ހަ ވަނަ ބުރި އެވެ.
ސުޝާންތުގެ މަރާ ގުޅިގެން ބައެއް ވާހަކަތައް ހާމަވަމުންދާއިރު، ދާދި ފަހުން މޯޗަރީ އެޓެންޑެންޓެއް ކަމަށްވާ ރޫޕްކުމާރު ޝާހު ދިން އިންޓަވިއުއިން ވެސް ސުޝާންތުގެ މަރާ ގުޅޭ ބައެއް ސިއްރުތައް ވަނީ ފަޅާއަރާފަ އެވެ.
އެގޮތުން ރޫޕް ކުމާރު ބުނިގޮތުގައި ސުޝާންތު ވަޅުލުމުގެ ކުރިން އޭނާގެ ހަށިގަނޑު ވަރަށް ރަނގަޅަށް ބަލާފައިވެ އެވެ. އެ ބެލުމުގެ ތެރެއިން ދަންޖެހިގެން މަރުވާ މީހެއްގެ ގައިގައި ހުންނަން ނުޖެހޭ ބައެއް ނިޝާންތައް ފެނިފައިވާ ކަމަށް ރޫޕް ކުމާރު ބުނެފައިވެ އެވެ.
އޭނާ ބުނިގޮތުގައި ސުޝާންތުގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. އަދި ނޫފައިގަނެފައިވާ ތަންތަނާއި ލޮލުގައި ޖަހާފައިވާ ނިޝާނެއް ވެސް ފެނުނު ކަމަށް ރޫޕް ކުމާރު ބުނެފައިވެ އެވެ. ނަމަވެސް ސުޝާންތުގެ ކުއްލި މަރަކީ މިއަދާ ހަމައަށް ވެސް ވާނުވާ ނޭނގޭ ސިއްރެކެވެ.
ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ލިބުނު މަޝްހޫރުކަމަށް ފަހު، ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ.
އެ ފިލްމަށް ފަހު އޭނާވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދި ވަރަށް ކާމިޔާބު އެކްޓަރަކަށެވެ.
ސުޝާންތަކީ ފިލްމީ ކަމަކާ އެއްވެސް ގުޅުމެއް ނެތި، އެ ދާއިރާއަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދި މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.