އަކްޝޭ ކުމާރާއި ޝިލްޕާ ޝެޓީއަކީ ބޮލީވުޑްގެ ތާރީހުގައި މުހިންމު ރޯލުތަކެއް އަދާކޮށްދިން އަދި ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބިފައިވާ މަޝްހޫރު ދެ ތަރިންނެވެ.

ދެ މީހުން އެކީގައި ކާމިޔާބު ފިލްމުތަކަކާއި ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު، ދެ ފަންނާނުންގެ ޖޯޑަކީ ވެސް ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ ޖޯޑެކެވެ. އެއް ޒަމާނެއްގައި އެދެތަރިންނަކީ ލޯބިވެރިންނެވެ. އެހެންނަމަވެސް ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެދެތަރިންވެސް ހަތުރުންނަށްވި އެވެ.

އެގޮތުން އެދެމީހުން އެކީގައި ކުޅުނު ފިލްމެއްގެ ޝޫޓިންގެ ތެރެއިން ދެމީހުންނަށް ވެސް ގަޔާވެވުނެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ ދެފަންނާނުން ވެސް ލޯބީގެ ގޮތުން ގުޅުނެވެ.

ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އަކްޝޭ މަޑުމަޑުން ދުރުވަމުން ދިޔަ ކަމަށާއި، އޭނާއާ ލޯބީގެ ގޮތުން ގުޅި ހުރެ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށް ޝިލްޕާ ބުނެފައިވާއިރު، އަކްޝޭ ގުޅުނީ އޭނާގެ މިހާރުގެ އަންހެނުން ޓްވިންކަލް ކަންނާއާ ކަމަށް އޭނާ ބުންޏެވެ. ޝިލްޕާ ބުނިގޮތުގައި އަކްޝޭ އޭނާ ދޫކޮށްލީ ޓްވިންކަލް ފެނުމުންނެވެ.

އަކްޝޭ ވަނީ ޝިލްޕާގެ ވަފާތެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި އޭނާގެ ބޭނުން ކޮށްފައިކަމަށް ޝިލްޕާ ތުހުމަތުކޮށްފައިވެ އެވެ. އެހަނދާންތަކާއި ދުރަށް ދިއުމަށް އޭނާ އަދިވެސް މަސައްކަތް ކުރަމުންދާކަމަށް ޝިލްޕާ ބުނެފައިވެ އެވެ.

އަކްޝޭ މަޝްހޫރު ތަރި ޓްވިންކަލް ޚަންނާއާ ކައިވެނީގެ ގޮތުން ގުޅިފައިވާއިރު، ޝިލްޕާ ކައިވެނީގެ ގޮތުން ގުޅުނީ އިންޑިއާގެ ވިޔަފާރިވެރިއެއްކަމަށްވާ ރާޖް ކުންދުރާއާ އެވެ.