ބަޣުދާދު (24 ޑިސެމްބަރު) - އިރާގު ސަރުކާރުން އެގައުމުގެ ދެކުނުގައި ހަދާ ޕޯޓް މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ.

ޕޯޓް މެނޭޖަރު ވިދާޅުވީ އެ މަޝްރޫއުގެ ފޭސް އެކެއް ކުރިޔަށް ގެންދާނީ ސައުތު ކޮރެއާގެ ޑައެވޫ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން އިންނެވެ.

މި މަޝްރޫއުގެ ދަށުން ޑައެވޫ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން އިން ބޯޓުތަކުން މުދާ ބޭލުމަށް ހާއްސަކޮށްގެން ހަދާ ފަސް ޕެސެޖްގެ އިތުރުން ކޮންޓެއިނަރުތައް ބަހައްޓަން ހާއްސަ ޔާޑް ވެސް ހަދާނެ އެވެ. މީގެ އިތުރުން ފަޅު ފުންކުރުމާއި، ނެވިގޭޝަން ޗެނެލެއް ހެދުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އިރާގްގެ ޕޯޓް ކޮމްޕެނީގެ ޑައިރެކްޓާ ޖެނެރަލް ފަރްހާން އަލް ފާތޮއިސް ވިދާޅުވީ ފުރަތަމަ ފޭސް ނިމުމުން އަހަރަކު ތިން މިލިއަން ކޮންޓެއިނާ ބާލައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މި ބަނދަރަކީ ފުންކޮށް، ބޮޑެތި ބޯޓުތަކަށް ވެސް ކައިރި ކުރެވޭނެ ގޮތަކަށް ހަދާ ބޯޓެއް ކަމުން ބޮޑުތި ކޮންޓެއިނާ ބޯޓަށް މި ބަނދަރުން ހިދުމަތް ދެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ޕޯޓްގެ ދެވަނަ އަދި ތިން ވަނަ ފޭސް 4 އަހަރު ތެރޭގައި ނިންމާލެވޭނެ އެވެ. އަދި ބޭނުން ކޮންމެ ބަޔަކާއެކު އެގްރީމަންޓްގައި ސޮއިކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

ފޭސް އެކެއްގެ މަޝްރޫއުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. – އަލްއަރަބިއާ