ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިސްކިތްތަކުގައި ނިދައި، މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވިފައި ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ރައްދުދެއްވަމުން މިނިސްޓަރު ވަނީ ކޮވިޑު ދުވަސްވަރު މިސްކިތް ތަކުގައި މީހުން ނިދައި، މަސްތުވާތަކެތީގެ ބޭނުން ކުރާކަން ފާހަގަކުރައްވާފަ އެވެ.

އެހެންނަމަވެސް މިކަންކަން ކޮވިޑަށްފަހު ފާހަގަވެފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ މައްސަލައިގައި ހާއްސަކޮށް ކޮވިޑްތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދާ އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް އޭގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް މަސްތުވާތަކެތި މިސްކިތުގައި ބޭނުންކުރާކަމަށާއި އަދި މިސްކިތުގައި ނިދާކަމަކަށް ވެސް ނެތް ފާހަގަކުރެވިފައެއް،" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު މިކަން ފާހަގަކުރެއްވި ނަމަވެސް، މަދުން ނަމަވެސް ދެބުރިއަށް ހެދިފައި ހުންނަ ތަންތަނުގައި މީހުން ނިދާކަމުގެ ޝަކުވާލިބޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.