ބޮލީވުޑް އިންޑަސްޓްރީގައި އެންމެ ބޮޑަށް އާންމުން ފާޑުކިޔައި، މަލާމާތް ރައްދުވާ އެއް ތަރިއަކީ މަލާއިކާ އަރޯރާ އެވެ.

ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، އޭނާއަށް އާންމުންގެ މަލާމާތް އެންމެ ބޮޑަށް ރައްދުވަނީ އޭނާގެ ޒާތީ ހަޔާތަށެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް އޭނާއަށް ފާޑުކިޔަނީ ލޯބީގެ ގޮތުން އުމުރުގެ ގޮތުން ތަފާތު އަރްޖުން ކަޕޫރުއާ ގުޅުމުންނެވެ.

އަރުޖުން، 36، އާއި މަލައިކާ، 48، ރައްޓެހިވީ 2018 ގަ އެވެ. ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ ވެސް މަލައިކާ އާއި އަރްޖުން އެވެ. ސަބަބަކީ އަރްޖުން އަށް ވުރެ މަލައިކާ 12 ވަރަކަށް އަހަރު ދޮށިވެފައި އޭނާގެ 19 އަހަރުގެ ދަރިއަކު ހުރުން އެއީ ބައެއް މީހުން އެ ދެ މީހުންނަށް އެންމެ މަލާމާތްކުރާ އެއް ސަބަބެވެ.

އޭގެ އިތުރުން މަލާއިކާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށާއި، އޭނާގެ ހިނގުމަށް ގިނަ ބައެއްގެ މަލާމާތް ވަނީ ރައްދުވެފަ އެވެ. ގިނަ ބަޔަކު ފާހަގަކުރާގޮތުގައި މަލާއިކާއަށް ކަމުދާ ހެދުންތަކަކީ ހާމަކަން ބޮޑުވެފައި ޒަމާނަށް ނުފެތޭ ހެދުންތަކެކެވެ. އަދި މަލާއިކާގެ ހިނގުމަށް މަލާމާތްކުރަމުން އާންމުން ބުނީ، އެއީ މީހުންގެ ސަމާލުކަން ހޯދުމަށް ޖައްސާ "ސްޓަންޓެއް" ކަމަށެވެ.

ހަމައެހެންމެ މަލާއިކާ، އޭނާގެ ފިރިމީހާ އަރްބާޒް ޚާންއާ ގުޅުން ބައްވާތީ ވެސް އާންމުން ފާޑުކިޔަ އެވެ. އާންމުން ގަބޫލުކުރާ ގޮތުގައި ކައިވެނި ރޫޅުމަށްފަހު ވެސް މަލާއިކާ އާއި އަރްބާޒްގެ މެދުގައި ރަހުމަތްތެރިކަމަށް ވުރެ ގާތް ގުޅުމެއް އޮވެ އެވެ.

އާންމުންގެ މަލާމާތް ލިބުނު ނަމަވެސް އެއިން އެއްވެސް ކަމަކަށް މަލާއިކާ އިސްކަންނުދޭ ކަމަށް އޭނާ ބުނެ އެވެ. އަދި ދިރިއުޅުމުގައި ކުރިއަށް ދެވޭނީ އާންމުންގެ ލޯތްބާއި ނަފްރަތު ވެސް ލިބިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.