ހަރުކަށި ފިކުރުގެ މީހުން ބަންދުކުރަން މާފުށީ ޖަލުގައި ހަދާ ހާއްސަ ވިންގުގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިމެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ބައިނަލް އަގުވާމީ އެހީތެރިކަމާއި، ރާއްޖޭގައި ތިބި އެންޖީއޯތަކާއި ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. އަދި ވަރަށް އަވަހަށް މާފުށީ ޖަލުގައި ގާއިމުކުރާ ވިންގުގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމާ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއްގެ މަސައްކަތް މާފުށީ ޖަލުގައި މިހާރު ދަނީ ކުރިޔަށް. މި އަހަރުގެ ޖޫން، ޖުލައި ހިސާބުގައި ވިންގު ނިންމާލެވޭނެ،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަފާތު ކުށްކުރާ މީހުން ވަކިކޮށް ބަންދުކުރުމުގެ ސިޔާސަތު ނުގެންގުޅޭ ކަމަށެވެ. އަދި މިސަރުކާރުގައި ވަކިން ހާއްސަކޮށް ހަރުކަށި ފިކުރުގެ ގައިދީން އެސެސް ކުރާނެ ވަސީލަތްތައް ގާއިމްކޮށް، އެސެސްކޮށް އެހެން ގައިދީންނާ ވަކިން ބައިތިއްބޭނެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އޭގެ އިތުރުން ސިންގަޕޫރު ފަދަ ގައުމުތަކުގައި ހަދާފައިވާ ޑިޒައިންތަކަށް ޖަލު ހަދަން 50 މިލިއަން ޑޮލަރު ހަރަދުވި ކަމަށާއި ރާއްޖެއަށް އެ މަސައްކަތް ކުރަން ލިބުނީ 35 މިލިއަން ދިވެހި ރުފިޔާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލައި އެފަދަ ފަރާތްތައް ގެންގުޅޭނެ އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް މާފުށީ ޖަލު ބަދަލު ކުރާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ހެދި ދިރާސާ ރިޕޯޓުގައި ބުނާގޮތުގައި ހަރުކަށި ފިކުރުގެ މީހުންނާއި އެހެނިހެން ކުށްކުރާ މީހުން އެއްކޮށް ބަންދުކޮށްފައި ތިބުމުން އެ މީހުންނަށް ވެސް އޭގެ ނުފޫޒު ފޯރަ އެވެ. އެ މީހުންގެ ސިކުނޑި އާއި ކުޅެ ދީނީ ގޮތުން ނުބައި މައުލޫމާތުތަކެއް ދީ ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް އެމީހުންނަށް ހިތްވަރު ދެމުން އަންނަ ކަމަށް އެ ރިޕޯޓްގައިވެ އެވެ.