ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ނުވަތަ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ދެމެދުގައި މައްސަލަ ނުޖެހި ނުދާނެ އެވެ. މައްސަލަ ނުޖެހޭ ނަމަ އެއީ ވެސް މައްސަލައެކެވެ. އެހެން ނަމަވެސް އެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ކުރެވޭ ބައެއް ކަންތައްތަކުން އިތުރަށް އެ ގުޅުން ގޯސްވާތަން މަދުން ނަމަވެސް ފެނެ އެވެ.

އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މީހުންނަކީ އާދަޔާ ހިލާފަށް ސޯޝަލް މީޑިއާ އާ ދޯޅު މީހުންނެވެ. އެމީހުންނަކީ ޑައިރީ ލިޔާ އުސޫލުން ފޭސްބުކުގެ ސްޓޭޓަސް އަޕްޑޭޓް ކުރާ މީހުންނެވެ. އަދި ބައެއް ފަހަރަށް ބައިވެރިޔާ އާ މައްސަލަ ޖެހުމުން ވެސް ތަފާތު އެކިކަހަލަ ސްޓޭޓަސް ލިޔެ ނުވަތަ ޕޯސްޓުތައް ޝޭއާ ކުރެ އެވެ.

މިކަހަލަ މީހުންގެ ބޭނުމަކަށްވެފައި އޮންނަނީ އާއިލާއާ ގާތްތިމާގެ މީހުންގެ ސަމާލުކަން ހޯދައިގެން ހިތަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީ އެއް ހޯދުމެވެ. ނަމަވެސް ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަކީ މުޅި ދުނިޔެއަށް އެނގެން ޖެހޭ މައްސަލަތަކެއް ނޫނެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުން މިއީ ދެމަފިރިންނަށް އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމެކެވެ.

މިފަދަ ވާހަކައެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމަށް ފަހު އެއީ އަނބުރާ ނެގޭނެ އެއްޗެއް ވެސް ނޫނެވެ. ޕޯސްޓު ޑިލީޓް ކުރެވިދާނެ އެވެ. ނަމަވެސް ތިމާ އެހެން ނުލިޔާ ކަމަކަށް ނުވާނެ އެވެ. އެ ސްޓޭޓަސް ރައްދުވާ މީހާގެ އިތުރުން އެތައް މީހުން އޮންނާނީ އޭގެ ސްކްރީންޝޮޓް ނަގާފަ އެވެ.

މިހެން ސްޓޭޓަސް ލިޔާ މީހުންގެ ގުޅުމާއި ދޭތެރޭ މީހުން "ޖަޖް" ކުރާ ވަރު އިތުރުވާނެ އެވެ. އެ މީހުންނަށް އެނގޭނީ ސޯޝަލް މީޑިއާ އިން ފެންނަ ފަޅި އެކަންޏެވެ. އަދި ގޮތް ނިންމާނީ އެ ފެންނަން ހުންނަ މައުލޫމާތުގެ މައްޗަށް ބުރަވެގެންނެވެ.

ބައެއް ފަހަރު ދެމަފިރިންގެ ދެމެދުގައި ޖެހޭ ކުދި ކުދި މައްސަލަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ހަމައަށް ގޮސް ތިމާގެ ބައިވެރިޔާ އާ ދޭތެރޭ އެމީހުންގެ ހިތުގައި ނަފްރަތު އުފެދޭ ހިސާބަށް ދެ އެވެ. އެހެން ކަމުން ތިމާ އަދި ބައިވެރިޔާ އަށް މައާފު ކުރިއަސް އެމީހުންނަށް ކުރަން އުނދަގޫ ވާނެ އެވެ.

އެހެން ކަމުން މައްސަލައެއް ޖެހުމުން ދެމަފިރިން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މަސައްކަތް ކުރާށެވެ. ދެމަފިރިން ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެ ނަމަ އިތުބާރު ހިފޭ އާއިލާ މީހެއް ނުވަތަ ރައްޓެއްސެއްގެ ކައިރީ ހިއްސާކުރެވިދާނެ އެވެ. ނަމަ ނަމަ އެ މައްސަލަ ހިފައިގެން ސޯޝަލް މީޑިއާ އަށް ފުންމާނުލާށެވެ.