އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރާނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެ ޕާޓީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުރަތަމަ ބަލަން ޖެހޭނީ އެމްޑީޕީގެ ސަރުކާރުން މީހުންނަށް ދީފައިވާ އަނިޔާތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ، އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ، ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ، ހުދު އަޅުގަނޑު ހައްޔަރު ކުރި މައްސަލަ އަދި މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އާއި އޭނާގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ޕީޕީއެމްގެ ސަރުކާރެއްގައި ފުރިހަމަ އަށް ތަންފީޒު ކުރުމުން ނޮވެމްބަރު 3، 1988 ގައި ޝަހީދުވި މީހުންގެ އާއިލާތަކަށް އިންސާފު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަަމަށެވެ. އަދި 2013 އިގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޮތް ޖަލްސާއެއްގައި ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލައްވާނެ ކަމަށް ޖަމީލް ވިދާޅުވި ވިދާޅުވުމުގެ ހަނދާން އާ ކުރައްވާ މިރޭ އެ މަނިކުފާނު ވިދާޅުވީ މިރޭގެ ޖަލްސާގައި އެހެން ވިދާޅުވެވެން ނެތް ކަމަށެވެ. އަދި މިހާރު ވިދާޅުވެވެން އޮތީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ކުރިން އަޅުގަނޑު ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު މިރޭ ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ،" ނަޝީދަށް ތަކުރާރުކޮށް ފާޑުވިދާޅުވާ ޑރ. ޖަމީލް ވިދާޅުވި އެވެ.

އެ މަނިކުފާނު މިރޭ ވެސް ވަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ޖަމީލް ވިދާޅުވީ ވެރިކަމަށް އައުމަށްވެސް އަދި އޭގެ ފަހުން ވެސް ކޮންމެ އިންތިހާބަކަށް އެމްޑީޕީއާއި ސަރުކާރުން ދައްކަނީ ބާރު ނެތް ވާހަކަ ކަމަށެވެ. ނަމަަވެސް މިއަދު ބާރުތައް ލިބުމުން އިންސާފުގެ ދޮރު ކިލަނބުވެ، ވިޔަފާރިތައް ބަނގުރޫޓްވެ، ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ދީގެން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށާ އެމްޑީޕީގެ އަދުލްގެ ނިޒާމުގައި އިދިކޮޅުގެ އެއްވެސް މީހަކަށް އިންސާފެއް، ކަފާލާތެއް ނުލިބޭނެ ކަމަށެވެ. އަދި ފަނޑިޔާރުންނަށް މިނިވަން ކަމެއް ނެތް ކަމަށާ ޝަރުއީ ދާއިރާ މުޅީން ހަރާބުކޮށްފައިވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ ޑރ. ޖަމީލް ވިދާޅުވިގޮތުގައި، އިދިކޮޅު ފަރާތްތަކަށް ވެސް އެއްވެސް ރައްޔިތަކަށް ވެސް މިއަދު އިންސާފު ނުލިބުމެވެ.

"މުޅި އެމްޑީޕީގެ އަދުލުގެ ނިޒާމުގައި ދުވަނީ ވަހުޝަތުގެ ވަސް،" ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވި އެވެ.