މޮސްކޯ (20 ފެބްރުއަރީ) - ޔޫކްރެއިންގައި ނިއުކްލުއާ ގޮވުމެއް ގޮއްވާލައި އެގޮވުމުގެ ތުހުމަތު ރަޝިއާގެ ބޮލުގައި އަޅުވަން ޔޫކްރެއިނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުން ބުނެފި އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އދން ބާއްވާ ބައްދަލުވުމުގެ ކުރިން ރަޝިއާއިން ޔޫކްރެއިންއަށް މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށީއްސުރެ ޔޫކްރެއިނުން ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަން އުޅޭ ކަމަށް ރަޝިއާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން ނިއުކްލިއާ ހަތިޔާރާއި ބައޮލޮޖިކަލް އަދި ރޭޑިއޯއެކްޓިވް ހަތިޔާރުތައް ޔޫކްރެއިނުން ބޭނުން ކުރާނެ ކަމަށް މީގެ ކުރިން އެގައުމުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ހިނގާފައެއް ނުވެ އެވެ.

ރަޝިއާގެ ޑިފެންސް މިިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް ރޭޑިއޯއެކްޓިވް މާއްދާތައް ފޮނުވާފައިވާ ކަމަށާއި ޔޫކްރެއިނުން ވަރަށް ބޮޑު ކަމަކަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

"މިކަމުގައި ޔޫކްރެއިންގެ މަގްސަދަކީ ނިއުކްލިއާ ގޮވުމެއް ގޮއްވާލައި އެކަމުގެ ތުހުމަތު ރަޝިއާގެ އަސްކަރިއްޔާގެ ބޮލުގައި އެޅުވުން" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ޔޫކްރެއިންއާއި އެގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. -- އަލް އަރަބިއްޔާ