ޖެރޫސަލަމް (27 ޑިސެމްބަރު) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގެ މީހުން މުޒާހަރާކޮށްފި އެވެ.

ނަތަންޔާހޫއާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ވަނީ ހޮނިހިރު ދުވަހު އޭނާ ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދަށް އެއްވެ، މުޒާހަރާކޮށްފަ އެވެ. ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި ވަނީ ސިލްސިލާކޮށް ގިނަ މުޒާހަރާތަކެއް ބާއްވާފަ އެވެ. އަދި މި މުޒާހަރާއަކީ ވެސް މިދިޔަ މަހުން ފެށިގެން ކުރަމުންދާ މުޒަހާތަކުގެ ބައެކެވެ.

އިޒްރޭލުގެ ރައްޔިތުން ބޮޑުވަޒީރާ ދެކޮޅަށް މުޒާހަރާ ކުރަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާތީ އާއި، ބޮޑުވަޒީރުކަމުގައި ހުރެ ރިޝްވަތު ގަބޫލުކުރުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި އޮޅުވާލުމުގެ ކަންކަން ހިންގަވަމުން ގެންދަވާތީވެ އެވެ.

ކޮވިޑް ރޯގާއިން ރައްކާތެރިވުމަށް ކަމަށް ބުނެ ނަތަންޔަހޫ ވަނީ އިޒްރޭލުގެ ކޯޓުތަކާއި، ގާނުނު ހަދާ މަޖިލިސް ވެސް ހަފްތާއަކަށް މިއަހަރުގެ ކުރީ ކޮޅުގައި ބަންދުކޮށްފަ އެވެ. މި މުޒާހަރާތަކުގައި އާންމުން ވަނީ ވެރިކަމުން ފައިބަންދެން މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެ އަޑުއުފުލާފަ އެވެ. ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލު ކޯޓުގައި ރިޝްވަތުގެ ތަފާތު ތިން ދައުވާއެއް ވަނީ އުފުލާފަ އެވެ.

މުޒާހަރާތަށް ކުރިއަށް ދަނީ އިޒްރޭލުގެ އާންމު އިންތިހާބާ ވެސް ދިމާކޮށެވެ.

މި ފަހަރުގެ އިންތިހާބަކީ ދެ އަހަރު ތެރޭގައި އިޒްރޭލުގައި ބާއްވާ ހަތަރު ވަނަ މިފަދަ އިންތިހާބެވެ. އެންމެ ފަހުން ބޭއްވި ތިން އިންތިހާބުގައި ވެސް ވާދަކުރި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނުވާތީ އަލުން އިންތިހާބެއް ބާއްވަންދެން ނަތަންޔާހޫ ވަގުތީ ގޮތުން ވެރިކަމުގައި ހުންނަވާނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުމުވާ ގުޅިގެން އިޒްރޭލުން ވަނީ ތިންވަނަ ފަހަރަށް ލޮކްޑައުން އިއުލާންކޮށްފަ އެވެ. މިދިޔަ ހަފްތާގައި އެކަނިވެސް އިޒްރޭލުން ވަނީ 4273 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިޒްރޭލުން ވަނީ ޖުމްލަ 44173 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި 3،234 މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ. – އަރަބް ނިއުސް