މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އާ ބިލް ރައީސް ސޯލިހް ތަސްދީގު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ތިން މަސް ފަހުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ.

އަދި އޭގެއިތުރުން އަމާންކަން ގާއިމުކޮށް ފުލުހުންގެ ހިދުމަތަށް ގެންނަ ބަދަލު އަންނަތަން ފެންނާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"މިއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް މުޖުތަމައަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އެ ގާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ހިމެނެ އެވެ.

ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ވެސް އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަޤްޞަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚްތިޔާރުތައް ޤާނޫނުއަސާސީއާއި އިންސާނީ ޙައްޤުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުން އެ ގާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.