ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި އެވެ.

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައިވާ ސިޔާސީ ހަރަކާތެއް ހިންގަވާ އުމަރު، ކެމްޕޭން ރަސްމީކޮށް ފެއްޓެވީ މިމަހުގެ ހަވަނަ ދުވަހު އެވެ. އަދި މި މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ދޮރުން ދޮރަށް ހަރަކާތް ފަށައިފަ އެވެ.

އެގޮތުން އިއްޔެ އުމަރު ވަނީ ވިލިމާލޭގެ ގޭގެއަށް ޒިޔާރާތްކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި ކެމްޕޭންގެ ތެރެއިން މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުމަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އެ އިންތިހާބުގައި އުމަރަށް އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.

އެއަށްފަހު 2018 ވަނަ އަހަރު ވާދަކުރައްވަން ނިންމެވި ނަމަވެސް ފަހުން އުމަރު ވަނީ އެ ހިޔާލު ބަދަލުކުރައްވާފަ އެވެ.

އުމަރަށް ވެރިކަން ލިބިއްޖެނަމަ، ކޮރަޕްޝަން "ފުނޑުފުނޑު" ކޮށްލާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެރިކަން ކުރާނީ ސުވަރުގެ އަށް ދެވޭ ވަރަށް ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.