ބައިނޭންސް ޕްލެޓްފޯމުން 6 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ވަގަށް ނެގުމުގެ ފަހަތުގައި އޮތީ އުތުރު ކޮރެއާ ކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށް ބުނެ އެ ގައުމުން އެކަން ދޮގުކޮށްފި އެވެ.

އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ކޭސީއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތުހުމަތުތަކުން ހާމަވަނީ ވޮޝިންޓަނުން އެ ގައުމާ މެދު ގެންގުޅޭ ދުޝްމަންވެރި ސިޔާސަތު ދެމިއޮތް ކަމެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު، ކިމް ޔޯ ޖޮންގް މިކަން ދޮގުކުރައްވާފައި މިވަނީ، ސަމިޓް ޑިޕްލޮމަސީ އަލުން ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް އުތުރު ކޮރެއާއިން އެއްވެސް އެދެވޭ ޖަވާބެއް ނުދީ އޮތް ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ، އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އުތުރު ކޮރެއާއިން މުރާޖައާ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެމެރިކާގެ އެފްބީއައި އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އިން 6 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ވާޗުއަލް އެސެޓް ވަގަށް ނެގުމުގެ ޒިންމާ އުފުލަންޖެހޭނީ އުތުރު ކޮރެއާ އެވެ. މިއީ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު މާލީ ވައްކަމަށް ވުން އެކަށީގެންވެ އެވެ.

ކިމް ޔޯ ޖޮންގް ވިދާޅުވީ، އުތުރު ކޮރެއާގެ އެހީތެރިކަން ލިބޭ ހެކިންގް ޖަމާއަތަކުން މި ހާދިސާގައި ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، އެފްބީއައި އިން މަސައްކަތް ކުރަނީ އެ ގައުމަކީ "ސައިބާ ކުށްވެރި ދައުލަތެއް"ގެ ގޮތުގައި ސިފަކުރުމަށް ކަމަށެވެ. ނަމަވެސް އެމެރިކާގެ މި ދައުވާއަކީ އެއްވެސް އޮއްޓަރެއް ނެތް، އަދި އާ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ސައިބާ ކުށްތަކަކީ އުތުރު ކޮރެއާގެ އަމަލުތަކެއްގެ ގޮތުގައި ދައްކައިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ކުށްހީ އުފެއްދުމަކީ އެ ގައުމާ ދެކޮޅަށް ހިންގާ ސިޔާސީ ގޮތުން ފުރައްސާރަ ކުރުމެއް ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.

ސައިބާ ސެކިއުރިޓީ މާހިރުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ ހެކަރުންނަކީ ދުނިޔޭގައި ކްރިޕްޓޯ ވައްކަން ކުރާ އެންމެ ނުރައްކާތެރި ބައެކެވެ. އަދި މިގޮތަށް ހޯދާ ފައިސާ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތަކަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އުތުރު ކޮރެއާއިން އަބަދުވެސް މިފަދަ ތުހުމަތުތައް ދޮގުކުރެ އެވެ.

ބްލޮކްޗެއިން އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ އެލިޕްޓިކްގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ތެރޭގައި އެކަނިވެސް އުތުރު ކޮރެއާއިން 7.6 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ވަގަށް ނަގާފައިވެ އެވެ. ސޯލްގެ ދިރާސާވެރިން ބުނާ ގޮތުގައި، އުތުރު ކޮރެއާއިން މިކަމަށް ވަގުތުން ރައްދު ދިނުމަކީ، އެ ގައުމުގެ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ އާމްދަނީގެ ވަސީލަތްތައް ބަންދުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވަރުގަދަވެދާނެތީ އެކަމާ ކަންބޮޑުވާކަމުގެ ހެއްކެކެވެ.

ދެކުނު ކޮރެއާގެ މަރުކަޒީ ބޭންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރު އުތުރު ކޮރެއާގެ ޖީޑީޕީ ހުންނާނީ 35.09 ބިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން ބައިނޭންސް އިން ވަގަށް ނެގި ފައިސާއަކީ އެ ގައުމުގެ މުޅި އިގްތިސާދީ އުފެއްދުންތެރިކަމުގެ ހަބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.

އުތުރު ކޮރެއާއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ހިންގާ ޣައިރުގާނޫނީ ހަރަކާތްތަކުން ލިބޭ ފައިސާ އެ ގައުމުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކަށް އިންވެސްޓް ކުރެ އެވެ.

ކިމް ޔޯ ޖޮންގް ވިދާޅުވީ، އެމެރިކާގެ އަމަލުތަކަށް ރިއާޔަތްކޮށް، އުތުރު ކޮރެއާއިން ބައެއް ކަންކަން މުރާޖައާ ކުރާނެ ކަމަށެވެ. ސޯލްގެ ކޮރެއާ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ޔުނިފިކޭޝަންގެ ސީނިއާ ރިސާޗަރު ހޮންގް މިން ވިދާޅުވި ގޮތުގައި، މީގެ އަސްލު މެސެޖަކީ ސައިބާ ވައްކަމާ ބެހޭ ވާހަކައެއް ނޫނެވެ. އެއީ އެމެރިކާއާއި އުތުރު ކޮރެއާގެ ގުޅުމާ ބެހޭ މެސެޖެކެވެ. އުތުރު ކޮރެއާއިން ބުނަން ބޭނުންވަނީ، މަޝްވަރާގެ ދޮރު ހުޅުވިފައި ބާއްވަން ބޭނުންނަމަ މިފަދަ މައްސަލަތައް ޕްރެޝަރު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ނުކުރުމަށެވެ.

އެފްބީއައި އިން ބުނާ ގޮތުގައި ބައިނޭންސް އަށް ހަމަލާދިނީ އުތުރު ކޮރެއާގެ ސަރުކާރުން ހަރަދުކުރާ ޓްރޭޑާ ޓްރެއިޓާ ނަމަކަށް ކިޔާ ޔުނިޓަކުންނެވެ. އަދި ބައިނޭންސް އިން ބުނެފައިވަނީ ވަގަށް ނެގި ފައިސާގެ ބޮޑުބައެއް އެ ކުންފުނީގެ އަމިއްލަ ފައިސާއިން އިއާދަކޮށްދީފައިވާ ކަމަށެވެ.