ވޮޝިންޓަން (27 ޑިސެމްބަރު ) - ކޮވިޑް ރޯގާއަށް ޕޮޒިޓިވް ވެގެން މުޅިދުނިޔެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު 80 މިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށާ މި ރޯގާގައި މަރުވި މީހުންގެ އަދަދު 1.76 މިލިއަނަށް އަރާކަމަށް އޭއެފްޕީ އިން ބުނެފި އެވެ.

އޭއެފްޕީގެ ޑޭޓާތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމަޔަށް މުޅި ދުނިޔެއިން 80،145،185 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި 1،756،060 މީހުން މި ރޯގާގައި މަރުވެފައިވެ އެވެ. ފާއިތުވެދިޔަ ހަފްތާއަށް ބަލާއިރު ކޮންމެ ދުވަހަކު އެވްރެޖްކޮށް 580،000 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ދުނިޔޭގެ ބައްރުތަކުގެ ތެރެއިން އެންމެ ގިނަ ކޭސް ރިކޯޑް ކުރެވިފައިވަނީ ޔޫރަޕްއިންނެވެ. ޔޫރަޕުން ވަނީ 25 މިލިއަނަށް ވުރެ ގިނަ މީހުން މި ރޯގާއަށް ޕޮޒިޓިވް ވެފަ އެވެ. އަދި 546،000 މީހުން ވަނީ މަރުވެފަ އެވެ.

ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އެމެރިކާ އިން ނެވެ. އެމެރިކާއިން ޖުމްލަ 18.945،149 ކޭސް ރިޕޯޓްކޮށްފައިވާ އިރު 331،916 މަރުވެފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާއިން ނެވެ. އިންޑިއާއިން 10.169،118 މީހުން ޕޮޒިޓިވް ވެފައިވާއިރު 147،343 މީހުން މަރުވެފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ބްރެޒިލް އިންނެވެ. އެގައުމުން 7،456،806 މީހުން ޕޮޒިޓިވް ވެފައިވާއިރު މަރުވެފައިވަނީ 190،795 މީހުންނެވެ. ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 3.050،248 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މަރުވެފައިވަނީ 54،778 މީހުންނެވެ. –- ސްޓްރައިޓް ޓައިމްސް