ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލަ އަށް މަރުވީތޯ ނުވަތަ ނޫންތޯ ސީބީއައި އިން ހާމަކުރަން ޖެހޭނެ ކަމަށް އެ މައްސަލާގައި ތުހުމަތުތައް އަމާޒުވެފައިވާ ރިއާ ޗަކްރަބޯޓޯގެ ވަކީލު ބުނެފި އެވެ.
ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ރިއާގެ ވަކީލު، ސަތިޝް މަނޭޝިންދޭ މިހެން ބުނެފައި މިވަނީ މަހަރާޝްތްރާގެ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކް ވެސް ސީބީއައި އަށް މިފަދައިން ގޮވާލާފައި ވަނިކޮށެވެ.
"މަހަރާޝްތްރާ އާއި މުޅި މި ގައުމު ވެސް މިއޮތޯ ސީބީއައިގެ ޖަވާބެއްގެ އިންތިޒާރުގައި. މީހުން އަހަރެން ގާތުގައި މި ކޭސްގެ އަޕްޑޭޓް އަހާ. އަހަރެން އެދެނީ ސުޝާންތު އަމިއްލަ އަށް މަރުވީ ތީ ނުވަތަ ބަޔަކު އޭނާ މަރާލީތޯ ސީބީއައި އިން ހާމަކުރުމަށް،" އަނިލް ބުނެފައިވެ އެވެ.
މިއާއެކު ރިއާގެ ވަކީލު ސަތިޝް ނެރުނު ބަޔާނުގައި ވަނީ މިކަމަށް ވަރަށް ބޮޑަށް ތާއީދުކޮށްފަ އެވެ. އަދި ދެ މަސްވަންދެން މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންގޮސްފައިވާ އިރު އަދިވެސް ރިޕޯޓު ހާމަނުކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި މައްސަލާގައި ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާ އަށް ކުރެވޭ ދޮގު ތުހުމަތުތަކާއި ގުޅިގެން ފުލުހަށް މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.
"އެއްވެސް ހެއްކެއް ނެތި ރިއާ ހައްޔަރުކޮށްގެން ތަހުގީގުކޮށް، ކަފާލާތުގެ ދަށުން މިނިވަން ވަންދެން އެކި އެޖެންސީތަކުން ވަނީ މަހެއް ވަންދެން އޭނާ ބަންދުކޮށްފައި ބަހައްޓާ ޖެއްސުންކޮށްފައި،" ރިއާގެ ވަކީލު ބުނެފައިވެ އެވެ.
"ސުޝާންތު މަރުވިތާ ހަ މަސް ފާއިތުވެގެން ގޮސްފައިވާ އިރު މިހާރު ސީބީއައިގެ ހޯދުންތައް ހާމަކުރަން ވެއްޖެ. މިކަން ނިމުމަކށް ގެންނަން ވެއްޖެ،" ސަތިޝް ބުންޏެވެ.
ސުޝާންތު ސިންގު ރާޖްޕުޓް ދަން ޖެހިގެން މަރުވެފައިހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިން ޖޫން މަހުގެ 14 ވަނަ ދުވަހުގަ އެވެ.