މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހުކުރު ދުވަހުގެ ރޭ މާފަންނު ފިހާރަ އެއްގެ ތެރޭގައި ހުއްޓާ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އުމުރުން 30 އަހަރުގެ މީހަކަށެވެ.

މިމައްސަލައާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރޭ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވި މީހާއަށް ހަމަލާ ދިނީ، މާރާމާރީ ހިންގަން އުޅުނު ދެމީހުންނަށް ފިލަންވެގެން ފިހާރައަކަށް ވަނުމުން، އޭނާގެ ފަހަތުން ފިހާރައަށް ވަނުމަށް ފަހު އެވެ.

ޒަހަމްކޮށްލި މީހާ އަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނުމަސްފަހު މިހާރު ދަނީ ވެންޓިލޭޓަރަށް ލައި ފަރުވާދެމުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.