ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިންގާ އިމާރާތް ކަމަށްވާ ވެލާނާގޭ ކައިރީ ޕާކު ކުރާނެ ޖާގަ ނެތްކަމަށް ބުނެ، އެ މާރާތުގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން އިހްތިޖާޖަށް ނުކުމެއްޖެ އެވެ.

އެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ދަނީ އެ ސަރަހައްދުގައި ޝުއޫރު ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ.

އެ ސަރަހައްދުގައި ޕާކުކުރާނެ ޖާގަ ނެތް ކަމަށާއި، އެމީހުންގެ ކަންބޮޑުވުމަކީ ވެލާނާގެ ބިލްޑިންގާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ވަރަށް ކުރިއްސުރެ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކުރުން ކަމަށް މުވައްޒަފުންގެ ޕޯސްޓަރު ތަކުގައި ލިޔެފައިވެ އެވެ. މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު އެ ތަނުގައި ހުރީ ސަތަރި ދަމައި ޕާކް ނުކުރެވޭ ގޮތަށް ހަދާފައި ކަމަށް މައުލޫމާތު ލިބެ އެވެ.

"ވެރިންނަށް ވެލާނާގެ ތިރިން ޕާކު ކުރާނެ ތަން ލިބޭ" އެއް ޕޯސްޓަރުގައި ލިޔެފައިވެ އެވެ.

ރައީސް އޮފީހާއި ވެލާނާގެ ފަދަ މުހިންމު އިމާރާތްތައް ހުންނަ އަމީރު އަހުމަދު މަގުަގައި ޕާކު ކުރުމަކީ މަނާ ކަމެކެވެ.

ވެލާނާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ޒޯނުތައް ހަދާފައި ހުރި ނަމަވެސް އެ އިމާރާތުގައި މަސައްކަތްކުރާ އޮފީސް މުވައްޒަފުންނަށް، ރަސްމީ ގަޑީގައި ޕާކު ކުރާނެ ޖާގަ ލިބުން ވަރަށް ދަތިކަމުގެ ޝަކުވާ ބޮޑެވެ.