ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދު ހުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑރ. މުހައްމަދު އިބްރާހީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ކާއްސަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލީ ރަޝީދު ހުސައިން އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ގާޒީކަމުގެ މަގާމާއި، ޑްރަގު ކޯޓުގެ ގާޒީކަން ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު އިބްރާހީމް، އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލްލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިންނެވެ. އެ މަނިކުފާނަކީ ޕްރިމިއަާ ޗެމްބާސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކައުންސިލް މެންބަރުކަމާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޝަރީއާކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.