ރިޔާޒް (28 ޑިސެމްބަރު) - ސައުދީ އަރަބިއްޔާގެ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މަޝްހޫރު ލުޖައިން އަލް ހަތުލޫލް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ސައުދީ ސަރުކާރުން ވަނީ 2018 ވަނަ އަހަރު ސަރުކާރާ ދެކޮޅު ބަޔަކާ ބައިވެރިވެގެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރުވާ ފަދަ ކަންކަން ކުރުމާއި އަދި އެހެން ބައެއްގެ އެޖެންޑާ ފަތުރަން މަސައްކަތްކުރުމުގެ ކުށުގައި ހައްޔަރުކޮށްފަ އެވެ. ހައްލޫލް އަށް ހުކުމް ކޮށްފައިވަނީ އެގައުމުގެ ޓެރަރިޒަމް ކުށްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް އުފެއްދި ހާއްސަ ކްރިމިނަލް ކޯޓަކުންނެވެ. ހައްލޫލަށް ވަނީ ފަސް އަހަރާއި އަށް މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ހައްލޫލުގެ އިތުރުން އޭނާގެ އާއިލާއިން ވެސް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އޭނާގެ އާއިލާއިން ބުނިގޮތުގައި ހައްޔަރުކޮށް ޖަލުގައި ބަހައްޓައިގެން އޭނާ އަށް ވަނީ އިލެކްޓްރިކް ޝޮކްދިނުމާއި، ތަޅައި އަނިޔާކޮށް އަދި ޖިންސީ އަނިޔާ ވެސް ކޮށްފަ އެވެ.

ހައްލޫލް ހައްޔަރުކުރުމާއި އަދި ޖަލަށް ލުމަށް ހުކުމް ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނި މިކަން ކުށްވެރިކޮށްފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކުށްތަކާ އަދި ކޯޓް މަރުހަލާގެ އެއްވެސް ކަމެއް އިންޓަނޭޝަނަލް ސްޓޭންޑާޑް އަކަށް ނުފެތޭ ކަމަށް ބުނެފަ އެވެ. އަދި މިކަމުން ދައްކައިދެނީ ސައުދީ ސަރުކާރުގެ އަނިޔާވެރިކަމާއި ޒަމާނުއްސުރެ ގެންގުޅޭ ޑިކްޓޭޓާޝިޕް އުސޫލުތައް ކަމަށް ވެސް ބުނެފައިވެ އެވެ.

ހަތުލޫލް އަކީ ސައުދީ އަރަބިއާގެ އަންހެނުންގެ ހައްގުތަށް މަސައްކަތްކުރާ ފަރާތެކެވެ. ސައުދީ އަރަބިއާގެ އަންހެނުންނަށް އޮންނަ ފުރުސަތުތައް މަދުކަމާއި އަދި އަންހެނުންނަށް އޮންނަ ހިފެހެއްޓުންތައް ނައްތާލުމަށް އެކި ފަހަރުމަތިން ހަތުލޫލް ވަނީ އަޑުއުފުލާފަ އެވެ. ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮންނަ އޮތުން ބަދަލުކުރުމަށް ހަތުލޫލް ވަނީ 2018 ވަނަ އަހަރު ވެސް ކެމްޕެއިން ކޮށްފަ އެވެ. އެންމެ ފަހުން ސައުދީ ސަރުކާރުން ވަނީ އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަ ދީފަ އެވެ. – ބީބީސީ