ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިލަން މަސްކް ޓްވިޓާ ގަތުން ވީ އެންމެންނަށް ވެސް ލިބުނު ހައިރާން ކަމަކަށެވެ. އެ ކުންފުނި ގަތުމަށްފަހު އިލަން ވަނީ ޓްވިޓާއަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެންމެ ފަހުން އިވުނު ހަބަރަކީ ޓްވިޓާގެ ކުރީގެ ހެޑްކުއާޓާރުގައި ހުރި މިލްކިއްޔާތު ނީލަން ކިޔަމުންދާ ހަބަރެވެ. 24 ގަޑިއިރަށް ދެމިގެންދިޔަ އެ އޮންލައިން ނީލަމުގައި އިލަން ވަނީ ސެން ފްރެންސިސްކޯގައި ހުރި ޓްވީޓާގެ ކުރީގެ ހެޑްކުއާރަޓަރުގެ ފަރްނީޗަރުތަކާއި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި ނީލަމަށް ހުޅުވާލާފަ އެވެ.

އެގޮތުން ނިއޯން ލައިޓަކުން ދިއްލާފައިވާ ޓްވިޓާގެ ލޯގޯ ދޫންޏެއް 40،000 އެމެރިކާ ޑޮލަރަށް ވިކުނު އިރު، ލޯގޯގެ އެހެން ބިނާއެއް ވަނީ 100،000 ޑޮލަރަށް ވިކިފަ އެވެ.

މީގެ އިތުރުން ނީލަން ކިޔާފައިވާ ތަކެތީގެ ތެރޭގައި އެ އޮފީހުގައި ބޭނުންކުރި ކޮފީ މެޝިންތަކާއި މޭޒާއި ގޮނޑި އަދި ޓީވީ ފަދަ ތަކެތި ވެސް ހިމެެނެ އެވެ.

ޓްވިޓާގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިލަން ޑިސެމްބަރު މަހު ބުނެފައިވާއިރު، އޭނާ ވަނީ ކުންފުނީގެ އިސް މަގާމުތަކަށް އާ މީހުން ވެސް އައްޔަން ކޮށްފަ އެވެ.

އެގޮތުން ޓްވިޓާގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކުންފުނި ގަތްތާ ހަފްތާއެއް ނުވަނީސް ކުންފުނީގައި މަސައްކަތްކުރި 7،500 އަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

44 މިލިއަން ޑޮލަރަށް އިލަން މަސްކް ޓުވިޓާ ގަތްއިރު، އެކުންފުނި އޮތީ މާލީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް ހަބަރުތައް ބުނެ އެވެ.