ތެހެރާން (28 ޑިސެމްބަރު) - ކޮވިޑް ވެކްސިން އަށް އީރާނުން އުފައްދާފައިވާ ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފި އެވެ.

އީރާންގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑަށް އެ ގައުމުން އުފައްދާ ވެކްސިންތަކުގެ ތެރެއިން ޖަނަވާރުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް ފުރިހަމަ ކުރެވުނީ ހަމަ އެކަނި އެގައުމުގެ ޝިފާ ފާމްޑް އިން އުފައްދާ ވެކްސިން ކަމަށެވެ. އަދި މި ކުންފުނިން އަންނަނީ 56 ވޮލަންޓިއަރުން ބޭނުންކޮށްގެން އެންމެ ފުރަތަމަ ހަދާ ޓެސްޓްތައް ހެދުމަށް ތައްޔާރުވެފަ އެވެ. މި ޓެސްޓްތައް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން އިތުރު ޓެސްޓްތަށް ހެދުމަށް 60،000 ވޮލަންޓިއަރުން ނަންނޯޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލްތް އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް އެގައުމުން އުފައްދާ އިތުރު ހަތް ވެކްސިނެއްގެ ޖަނަވާރުން ބޭނުންކޮށްގެން ހަދާ ޓްސްޓް މަރުހަލާ ނިމޭނެ އެވެ.

އިރާނުން ވަނީ އެގައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކޮވިޑް ވެކްސިން ބޭރު ގައުމުތަކުން ގަތުމުގައި ނުހަނު ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެފަ އެވެ. އަދި މިއީ އެމެރިކާއިން އެގައުމުގެ ރައްޔަތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތެކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް ފެތުރުނު ގައުމުތަކުގެ ތެރޭގައި އިރާން ހިމެނެ އެވެ. އިރާނުން ވަނީ 1.2 މިލިއަން މީހުން ކޮވިޑަށް ފޮޒިޓިވްވެފަ އެވެ. އަދި 54،693 މީހުން ވަނީ މި ރޯގާ ޖެހިގެން މަރުވެފަ އެވެ.