ލާމަރުކަޒުކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިއްހީ ހިދުމަތުގެ ނިޒާމް ލާ މަރުކަޒުކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވި "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ އުދަނގޫ ދަތި ދަނޑިވަޅުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، އަތޮޅުތަކުގެ ތަރައްގީގެ މުހިންމުކަން ހާމަވެފައިވާ ކަމަށެވެ. އަދި ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމަށް ކުރެއްވި މަސައްކަތުން، އަތޮޅުތަކުން އެނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މަގު ފަހިވެގެންދިއުމުން ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތްކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެ މުހިންމު އަމާޒަކީ ސިއްހީ ނިޒާމު ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިކުރެއްވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ލާމަރުކަޒުކުރަން ވަރަށް ބޮޑު އިސްކަމެއް ދެން. ހާއްސަކޮށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ލާ މަރުކަޒުކުރަން އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ ލާމަރުކަޒުކުރަން އިސްކަންދެން މިސަރުކާރުން. މާލެއަށް ބާރުތައް ޖަމާކުރުން ދޫކޮށްލަން އެބަޖެހޭ."

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް، މަރުކަޒީ އުސޫލުން ހިންގަމުންދިޔަ ނިޒާމަށް ބަދަލު ގެނެސް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ މިއަދު އަތޮޅުތަކަށް ތަރައްގީގެ ކުރިއެރުން ލިބުމުގައި އޮތް އެންމެބޮޑު ފުރުސަތު ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ދިގު ތާރީޚުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާޙަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ރައީސް ސޯލިހު މިއަދު ވާހަކަދައްކަވަނީ

"މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އުޅުއްވުން. ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ޚިޔާލު ތަފާތުވި. އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. އެމަސައްކަތުގެ ތެރެއިންވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. އެދުވަހު ވެސް ކަން ހިނގިގޮތުން ހަނދާން ހުންނާނެ ބޭފުޅުން މިހާރުވެސް ތިއްބަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ހާއްސަ ޝޯގައި މިއަދު ހެނދުނު ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ 1960 ގެ އަހަރުގެ ކުރީގައި އަތޮޅުތެރޭގައި މީހުން އުޅުނީ ވަރަށް ތަނަވަސްކޮށް ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖެއިން ބޭރުން މުދާ ގެނެސް ބައެއް ރަށްރަށުގައި ވިޔަފާރިކުރަމުން ގެންދިޔަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އެންމެ ގިނަ ދުވަސްވީ ޕްރޮގްރާމުގައި އެމަނިކުފާނުގެ އަމިއްލަ ހަޔާތްޕުޅާއި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކާ ބެހޭ ގޮތުން ޕްރެޒެންޓަރު ސުވާލުކުރި އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ރައީސް ސޯލިހު މިއަދު ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ އަޑު އުފެދުނީ 1962ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު މާލޭ ރޭޑިއޯގެ ނަމުގަ އެވެ. އެންމެ ހަތަރު މިނިޓާއި ދެ ސިކުންތުގެ ޕްރޮގްރާމަކުން ފެށި ދިވެހިރާއްޖޭގެ އަޑު 2005 ވަނަ އަހަރު ވަނީ 24 ގަޑިއިރަށް ކުރިއަށްގެންދާ ޗެނަލްއަކަށް ބަދަލުކޮށްފަ އެވެ.