މިދިޔަ މަހު ތުރުކީއާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު ތުރުކީގެ ރައްޔިތުނަށް އެހީވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވާ އެހީގެ ފުރަތަމަ ޝިޕްމަންޓް އެ ގައުމަށް ފޮނުވައިފި އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ތުރުކީ އަދި ސޫރިއާ ބޯޑަރު ހިމެނޭ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިންގެ ފަރާތުން އެއް މިލިއަން މަސްދަޅު ފޮނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 10 ދުވަހު ނިންމަވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީ ރައްޔިތުންނަށް ފޮނުވުމަށް ހަމަޖެހިފައިވާ 500،000 މަސްދަޅު ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. 500،000 މަސްދަޅު އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ 5 ޝިޕްމަންޓަކަށް ބަހާލައިގެން ކަމަށާއި މި ޝިޕްމަންޓްތައް ތުރުކީއަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ތުރުކީއަށް ފޮނުވާ އެހީ އެ ގައުމަށް ގެންދަނީ ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިނުންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ފޮރިން ސެކެޓްރީ އަހުމަދު ލަތީފު އެވެ.

ތުރުކީއާއި ސީރިއާގެ ބޯޑަރު ގުޅޭ ސަރަޙައްދަށް އައި ބިންހެލުންތަކުގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލި، އެތައް ހާސް ބަޔަކު މަގުމަތިވެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތުރުކީއާއި ސީރިޔާއަށް އެހީވަމުންނެވެ.