ރައީސުލްޖުމްހޫރިއްޔާ އާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނެއްކާ ވެސް ބޭރުކޮށްލައިފި އެވެ.

ޕީޕީއެމްގެ ގާނޫނީ ވަކީލު އަހްމަދު ސިއްދީގު ކުރެއްވި ޓްވީޓެއްގައި ގައި ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވާ ކަމަށެވެ، ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

ނައިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިދިކޮޅުގެ ވަކީލުން ބުނެ އެވެ.

އަދި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވަންޖެހޭނެ ހަމައެކަނި ހާލަތެއްކަމަށް ގާނޫނު އަސާސީ ބުނާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވާ ހާލަތުކަމަށްވެސް ވަކީލުން ބުނެ އެވެ. އެހެންކަމުން ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނައިބުރައީސް އައްޔަންވީކަމަށްވެސް ވަކީލުން ބުންޏެވެ.

މި މައްސަލައަކީ ރާއްޖޭގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، ދިވެހިންނަށް ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަން އޮޅިފައިވާތީ މިމައްސަލަ ސާފު ވާންޖެހޭ ކަމަށްވެސް ވަކީލުން ހާމަކުރެ އެވެ.

"ހުންނާނެ ގާނޫނީ ހުއްޖައްތެވެސް ނެތް، ދުނިޔޭގައި އެެއްވެސް ގައުމެއްގައި ޕްރެކްޓިސް ކުރާ އެއްވެސް ގާނޫނެއްގެ ތެރޭގައި ނެތް، ކޭސް މެނޭޖްމެންޓެއްގައިވެސް ނެތް، ކޭސް ފްލޯއެއްގައި ނެތް މި ވާހަކައެއް،". އިދިކޮޅުގެ ވަކީލު ރާޣިބް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތަކަށް ހަވާލުކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަލި ހާލަތު ހުރި ގޮތުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރަން ޖެހުނު ތައިރޮއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެން ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ނައިބު ރައީސް ފައިސަލް ނަސީމްއަށް ރައީސްކަމުގެ ހުވާ ލައިދީފައިވެ އެވެ.