ލަންޑަން (29 ޑިސެމްބަރު) - ކޮވިޑްގެ ތިންވަނަ ރާޅަކުން ސަލާމަތްވުމަށް އިނގިރޭސި ވިލާތުން ހަފްތާއަކު ދެ މިލިއަން މީހުންނަށް ވެކްސިން ދޭންޖެހޭނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތު ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން ހެދި ދިރާސާގައި ބުނާ ގޮތުން އިނގިރޭސި ވިލާތް ޓަޔާ ހަތަރެއްގެ ލޮކްޑައުންއާއި ސްކޫލްތަކާއި ގިނަ ތަންތަން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި އަދި މިހާރު ޕޮޒިޓިވް ކޭސް ރިޕޯޓްކުރާ މިންވަރަށް ބަލާއިރު، ކޮވިޑް ވައިރަސްގެ ފުރަތަމަ ރާޅުގައި އެ ގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރި ބާރުބޮޑުވި ދުވަސްވަރު ކޮވިޑް ކޭސްތައް ހުރި މިންވަރަށްވުރެ ދަށުގައި ބެހެއްޓޭނީ ހަފްތާއަކު މަދުވެގެން ދެ މިލިއަން މީހުންނަށް ވެކްސިން ދީގެންނެވެ. އަދި މި ނޫން އެހެން އެއްވެސް އިތުރު ރަނގަޅު ގޮތެއް މި ދިރާސާގައި ފެނިފައިވާ ނުވާ ކަމަށްވެ އެވެ.

މި ދިރާސާގައި އިތުރަށް ދެއްކި ގޮތުގައި ވެކްސިން ގިނަ ބަޔަކަށް ދީގެން މެނުވީ ހޮސްޕިޓަލްތަކާއި، އައިސީޔޫގައި އެޑްމިޓްކުރެވޭ މީހުން މަދުނުކުރެވޭނެ އެވެ. އަދި އެ މިންވަރަށް ވެކްސިން ދެވިއްޖެނަމަ އެދެވޭ ރަނގަޅު ނަތީއްޖާއަކަށް ވާސިލްވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.

އިނގިރޭސިވިލާތުން ވަނީ ކޮވިޑް ވައިރަސްގެ މުޅިން އައު ވައްތަރެއް އެ ގައުމުން ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ވައްތަރަކީ ކުރީގެ ވައްތަރާއި ހިލާފަށް 70 ޕަސެންޓް އަވަހަށް ފެތުރޭ ވައްތަރެއް ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތައް ވަނީ ލޮކްޑައުންކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި ގިނަ ގައުމުތަކުން ވަނީ ވައިގެ ދަތުރުތަކާއި އެއްގަމު ދަތުރުތައް ވެސް އިނގިރޭސިވިލާތަށް ހުއްޓާލާފަ އެވެ.

އިނގިރޭސި ވިލާތަކީ ދުނިޔޭގެ އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި ގައުމެވެ. އެ ގައުމުގެ ސަރުކާރުން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް 600،000 މީހުންނަށް ވެކްސިން ގެ ފުރަތަމަ ޑޯޒްދީފައިވެ އެވެ. – ސްޓްރައިޓް ޓައިމްސް