ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ރާއްޖޭގައި އުފެދުނު ކުޅަދާނަ ވާހަކަ ދެއްކުންތެރިންގެ ތެރޭގައި ހިމެނޭ ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓްއެޓޭޖެއް ޖެހި އައިސޫޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމްގެ ބޭބެ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ ރޭ ފަތިހު އެވެ. ސަލީމްގެ ގާތް ބައެއް މީހުން ބުނި ގޮތުގައި މިހާރު ވަނީ ސާޖަރީ އަށް ވައްދައިފަ އެވެ.
ސަލީމްގެ ނޫސްވެރިކަމުގެ ހަޔާތް ފެށީ 1980 ގެ އަހަރުތަކުގައި "ހަވީރު" ނޫހުންނެވެ. އެ ނޫހުގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހު ސަލީމް ދެން ބަދަލުވީ އެ ދުވަސްވަރު އަލަށް އުފެއްދި "މިއަދު" ނޫހުގެ އެޑިޓަރުގެ މަގާމަށެވެ. ސަލީމަކީ ސަން މީޑިއާ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ސަލީމަށް ވަނީ ނޫސްވެރިކަމުގެ ރޮނގުން އާއްމު ޚިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަންޔޫބީލް ގަލަމާއި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރިގެން ދިން އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފަ އެވެ. ސަލީމް ވަނީ ރާއްޖޭގައި ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ.
ސަލީމްގެ ޚާއްސަ އެއް ހުނަރަކީ ވާހަކަ ދެއްކުންތެރިކަމާއި ބަހުސް ކުރެއްވުމެވެ. ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނާ ޅެންވެރިން އަދި ވާހަކަ ދެއްކުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެއް ކަމަށްވާ ސަލީމް ވަނީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުން ރަން އެތައް ވަނައެއް ހޯއްދަވައިފަ އެވެ. ސަލީމަކީ ޅެން ވެސް ހައްދަވާ ބޭފުޅެކެވެ.
ނޫސްވެރިކަމަށް ފަހު ސަލީމް ދެން ގުޅިވަޑައިގެންނެވީ އަހުމަދިއްޔާ ސްކޫލުގެ ދިވެހި ޓީޗަރެއްގެ ވަޒީފާއާ އެވެ. އޭނާ ވަނީ އެ ސްކޫލުގެ އެތައް ކުދިންނަކަަށް ވާހަކަ ދެއްކުންތެރިކަމުގެ ތަމްރީނު ވެސް ދެއްވައިފަ އެވެ.
ރާއްޖޭގައި ދެވަނަ އަށް އުފެދުނު ސިޔާސީ ޕާޓީ ޑީއާރުޕީއާ ގުޅިވަޑައިގެން ސަލީމް ވަނީ ސިޔާސީ ބައެއް މަސައްކަތްތައް ވެސް ކުރައްވައިފަ އެވެ. ސަލީމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރައްވާ އަށް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެން، ނޫ ގާނޫނު އަސާސީ އިސްލާހު ކުރި ޚާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ހޯމް މިނިސްޓްރީގެ ނައިބްކަން ވެސް ކުރައްވައިފަ އެވެ.