މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ކުންފުނިތަކުން ޕްރޮޕޯށަލް ހުށަހެޅުމަށް ހުޅުވާލުމުން 11 ކުންފުންޏަކުން ކުރިމަތި ލައިފި އެވެ.

ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ޕޮއިންޓް ގެ ގޮތުން އެއްވަރުވެއްޖެނަމަ، ހުއްދަދޭނެ ކުންފުނިތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ. އަދި ހުއްދަ ލިބޭ ކުންފުނިތައް ރަމަޟާންމަހުގެ ކުރީކޮޅު އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރަސްމީ 1،000 ކޯޓާ ދޫކުރެ އެވެ. މި އަހަރުވެސް 1000 ކޯޓާ ސައުދީން ރާއްޖެ އަށް ދީފައިވެ އެވެ.

ރާއްޖެއަށް ސައުދީން ދޭ ރަސްމީ ހައްޖު ކޯޓާގެ އަދަދު އިތުރުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެދިވަޑައިގެންފައި އެވެ. އެގޮތުން 2500 ކޯޓާ އަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމާށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.